27 Aug 2013, 23:27
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ލިބިވަޑައިގަތަސް، ދައުލަތުގެ ފައިސާގައި ޖެހިވަޑައި ވަޑައިގަންނަވަން ނުޖެހޭ ކަމަށާއި މާތް ﷲގެ ރަހުމަތްފުޅުން އެ އަށްވުރެ ބޮޑަށް ފުދޭ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމު ވިދާޅުވީ ދައުލަތުގެ ފައިސާގައި ޖެހިވަޑައިނުގަންނަވާނެ ކަމަށާއި "އެންމެ ބޮޑު ލާރިއެއްގައި ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ވައްކަން ނުކުރާނެ" ކަމަށެވެ.
"ދެން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދައުލަތުގެ ލާރި، ފައިސާ ނަގައި އަޅުގަނޑުގެ ޖީބަށް އަޅަން ނުޖެހޭނެކަން. މާތްﷲ އިރާދަކުރެއްވިއްޔާ އެއަށް ވުރެ ތަނަވަހުގައި އަޅުގަނޑު ވަނީ ލައްވާފައި. އެހެންވީމާ ދައުލަތުގެ އެންމެ ބޮޑު ލާރިފޮއްޗެއްގައި ވެސް އަޅުގަނޑު، އެންމެ ބޮޑު ލާރިއެއްގައި ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ވައްކަން ނުކުރާނެ ކަމަށް މާތްﷲ ގަންދީ ހުވާކުރަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ކޯލިޝަންގެ ވެރިކަމެއްގައި ގދ. ތިނަދޫގައި ހުންނަ ޑރ. ސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ގއ. އަތޮޅު ހޮސްޕިޓަލުން މާލެއެކޭ އެއްފެންވަރަކަށް ސިއްހީ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.
ޖުމްހޫރީ ކޯލިޝަންގެ ވެރިކަމެއްގައި ތިނަދޫ މަގުތަކުގައި ތާރުއެޅާނެ ކަމަށާއި ތިނަދޫ އަކީ ބިންބޮޑު ރަށަކަށް ވާތީ އެ ރަށުން ފްލެޓުގެ އިތުރުން ގޯތި ދޫކުރެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ގާސިމް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
ގާސިމް ވިދާޅުވީ ފާރުތަކުގައި ކިތަންމެ ވަރަކަށް ރީނދޫ ކުލަލި ކަމަށް ވިޔަސް ނަޝީދަށް ދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ނާދެވޭނެ ކަމަށެވެ.
ވެރިކަމުން އިސްތިއުފާދެއްވުމަށް ފަހު ޖެހިގެން އައި ދުވަހު ނަޝީދު އިސްވެހުންނަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓުލާ ދުވަހު ވެސް އަތޮޅުތަކުގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަކީ ކޮށްފާނެ ކަމެއް ކަމަށާއި އެހެންކަމުން އެފަދަ ކަމެއްކޮށް ރަށުތެރޭގައި ހަމަނުޖެހުން ހިންގުމުގެ ކުރިން ހެނދުނު ހެނދުނާ ގޮސް ވޯޓުލުމަށް ގާސިމް ވަނީ އޭނާގެ ސަޕޯޓަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.