އަންނަ މަހު 7 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ކޮންމެ ބޭފުޅަކު ވެސް ވޯޓު ދެއްވަން ޖެހޭ ކަމަށާއި އެ އިންތިހާބުގައި ވޯޓު ނުދެއްވާ ބޭފުޅަކަށް ސަރުކާރުގެ ކަންކަމުގައި ބަސް ބުނުމުގެ ހައްގު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ގދ. ގައްދުއަށް މިއަދު ވަޑައިގަތް އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަހީދު ވިދާޅުވީ ސިޔާސީ މައިދާނުގައި ރައްޔިތުންގެ އަތުގައި އޮތް އެންމެ އަގު ހުރި އެއްޗަކީ "ވޯޓު" ކަމަށެވެ. އަދި އެ ވޯޓު ނުދެއްވާ ބޭފުޅަކަށް ޝަކުވާ ކުރުމުގެ އިހުތިޔާރެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"[އިންތިހާބުގައި] ދެއްވާ ވޯޓަކީ ވަރަށް އަގުހުރި އެއްޗެއް. ސިޔާސީ މައިދާނުގައި ތިޔަ ބޭފުޅުންގެ އަތުގައި އޮތް އެންމެ އަގު ހުރި އެއްޗަކީ ތިޔަ ބޭފުޅުންގެ ވޯޓު. އެހެންވީމާ އެ، އެބަޖެހޭ ތިޔަ ބޭފުޅުން [އެ ހައްގު]ގެ ބޭނުންކުރަން. ވޯޓު ދެއްވަން ޖެހޭ، ކޮންމެ މީހަކަށް ކަމުގައިވީ ނަމަވެސް. ވޯޓު ނުދެއްވާ ބޭފުޅުންގެ ނެތޭ އެކަމަށް ޝަކުވާ ކުރުމުގެ އިހުތިޔާރެއް، ސަރުކާރުން ކަންތައް ކުރާ ނުކުރާ ގޮތާ ބެހޭ ގޮތުން ފާޑުކިޔުމުގެ އެއްވެސް ކަހަލަ ބާރެއް އޮތް ކަމަށް ނުދެކެން،" އަމިއްލަ ގޮތުން ރައީސް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ މި އަހަރުގެ އިންތިހާބުގައި ވާދަކުރައްވާ ހަތަރު ބޭފުޅުންނަކީ ވެސް ގައުމުގެ އިސް މަގާމުތައް އަދާކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށާއި އެގޮތުން ވޯޓު ދެއްވުމުގައި އެބޭފުޅުން ރައްޔިތުންނަށް ހިދުމަތް ކުރައްވާފައި ވަނީ ކިހިނެތްތޯ ބައްލަވަން ޖެހޭނެ ކަމަށެވެ.

"އެއް ބޭފުޅަކީ ރައީސްކަން ހަވާލުކުރެވުނު ބޭފުޅެއް. އަނެއް ބޭފުޅަކީ ވަރަށް ގިނަ ދުވަސްވަންދެން މާލީ ވަޒީރުކަން ކުރެއްވި ބޭފުޅެއް. ދެން ހުންނެވީ އިގްތިސާދީ ކަންކަމާ ބެހޭ ގޮތުން ވަރަށް ގިނަ ދުވަހު ވަޒީރުކަން ކުރެއްވި ބޭފުޅެއް. ދެން ހުރީ އަޅުނގަޑު. ނައިބު ރައީސް ކަމާއި ދޮޅު އަހަރު ދުވަހު ރައީސްކަން މިކުރީ، އެހެންވީމާ އަޅުނގަޑުމެން ކޮންމެ މީހަކު ވެސް ތިޔަ ބޭފުޅުންނަށް ހިދުމަތް ކުރުމުގެ ގޮތުން ކަންތައް ކޮށްފައި ހުރީ ކިހިނެތްތޯ ވިސްނައިވަޑައިގަތުމަކީ ވަރަށް މުހިއްމުކަމެއް،" ރައީސް ވަހީދު ވިދާޅުވި އެވެ.