27 Aug 2013, 20:58
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިން މޭޓް އަހްމަދު ތަސްމީން އަލީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އަށް ފާޑު ވިދާޅުވެފައި ވާތީ ޖުމްހޫރީ ޕާޓީން ތަސްމީނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
މިއަދު ހަވީރު ޖުމްހޫރީ ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވީ ތަސްމީނު ހައްދަވާފައި ވަނީ އިތުރުފުޅެއް ކަމަށާއި އެ ޕާޓީގެ މެނިފެސްޓޯ އެ ޕާޓީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. އަދި އެ ޕާޓީގެ މެނިފެސްޓޯ އަކީ ސިއްރުކުރެވިފައިވާ އެއްޗަކަށް ނުވާ އިރު އެ މެނިފެސްޓޯގައި ސިޔާސަތުތައް ތަފްސީލުކޮށް ފެންނާން ހުންނާނެ ކަމަށެވެ. އަދި ތަސްމީން އެ ވާހަކަތައް ދައްކަވާފައި ވަނީ ވަކި ސިޔާސީ މަގުސަދެއްގައި ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ވަނީ މިއަދުގެ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.
"އަޅުގަނޑު އުއްމީދު ކުރަން އޮނަރަބަލް ތަސްމީނު ވެސް މީތި [ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ] ބައްލަވަމުން ގެންދަވާނެ ކަމަށް. އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން އޮނަރަބަލް ތަސްމީން އަލީ އަށް މީގެ ކޮޕީއެއް އެރުވޭތޯ. ކަޅާއި ހުދުން އަނެއްކާ ދިވެހި ބަހުން ލިޔެފައި ހުންނާނީ ވެސް. އެހެންވީމާ އަޅުގަނޑުމެން ކޮށްފައި ހުރި މަސައްކަތް މިއީ ފޮޓޯއިންނާއި ލިޔުމުން ވަރަށް ފެންނާން ހުރި ކަމެއް. އެހެންވީމާ އެފަދަ ސިޔާސީ ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކަވަމުން ދާތީ އަޅުގަނޑުމެން ހިތާމަކުރަން،" ޑީޑީ ވިދާޅުވި އެވެ.
ހަމަ އެހެންމެ ޖުމްހޫރީ ޕާޓީގެ ތަރުޖަމާނުގެ ނައިބު މުހައްމަދު އިކްރާމް އަބްދުލްލަތީފް މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯތަކާ ބެހޭ ގޮތުން ތަސްމީން ވިދާޅުވީ އިތުރުފުޅެއް ކަމަށާއި ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯތައް "ފަހާދުވަމުން" ތަސްމީން އާއި ރައީސް ޑރ. ވަހީދު ވަޑައިގަންވަމުންދާ ކަމަށެވެ.
"ތަސްމީން ހަމަ ދޮގެއް ވިދާޅުވީ. މާކުރިން ސުރެ ގާސިމްގެ މެނިފެސްޓޯތައް ނެރުއްވަން ފައްޓަވައިފި. ލީފްލެޓްތަކުގެ ސިފައިގައި އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބަހަން ފައްޓަވައިފިން. އޭގެ އެއް ވައުދު އެއީ ރާއްޖޭގެ ކޮންމެ ސްކޫލެއްގެ އަށަކުން މަތީގެ ކިޔަވާ ކުއްޖަކަށް ލެޕްޓޮޕެއް ދޭނެ ކަމަށް ވިދާޅުވި ވިދާޅުވުން. ތަސްމީނަށް އެނގިވަޑައިގެންފައި ހުރީތާ އެ ވައުދު ފަހާދުވަމުން އެ ބޭފުޅުން ވެލައްވައިފި ކުދި ކުދި ޓެޕްލެޓެއް ދޭނެ ކަމުގެ ވައުދު،" އިކްރާމް ވިދާޅުވި އެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ކައުންސިލް މެންބަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އެކުލަވާލަފައި ވަނީ އަދާލަތު ޕާޓީގެ ވެސް އެކި ހިޔާލުތަކާ އެކު ކަމަށެވެ. އަދި އިސްލާމް ދީނާ ގުޅުން ހުރި ކަންކަމުގައި އަދާލަތުން ހުށަހަޅާފައިވާ ކަންތައް އެ މެނިސްޓޯގައި ހިމަނާފައިވާ ކަމަށެވެ.
އިސްލާމް ދީނާ ގުޅުން ހުރިކަން އަދާލަތުން ބޭނުންވާ ގޮތަށް ބަދަލުކުރަން މިހާރުގެ ސަރުކާރަށް ހުށަހެޅުއްވިންތޯ އާއި އަދާލަތުން ހުށަހަޅާކަންކަމުގައި ސަރުކާރުން އިޖާބަދެއްވާތޯ "ސަން"ގެ ފަރާތުން ޝަހީމަށް ދެންނެވި ސުވާލުގައި މިއަދު ވިދާޅުވީ އެ ސުވާލު އިސްލާމިކް މިނިސްޓްރީގެ ނިއުސްކޮންފަރެސްގައި ކުރުމަށެވެ. އަދި ރައީސް ވަހީދުގެ ކޯލިޝަނުން އަދާލަތުން ވަކިވީ އަޑި ނޭނގޭ ކަންތައްތަކެއްގެ ސަބަބުން ކަމަށް ބުނެފައިވާ އިރު އެއީ ކޮން ކަންތައްތަކެއްތޯ ޝަހީމަށް ދެންނެވުމުން އޭނާ ވިދާޅުވީ އެ ސުވާލު އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާ ކުރުމަށެވެ.
ގައުމީ ޔުނިވަސީޓީ އާއި ޓީވީއެމް އިން ގުޅިގެން ރޭ ކުރިއަށް ގެންދިޔަ ރިޔާސީ ކެންޑިޓުންގެ ރަނިން މޭޓުންގެ ބަހުސްގައި ތަސްމީން ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ބައްލަވާލައްވަން އެ ޕާޓީގެ ވެބްސައިޓަށް ވެންނެ ވިރު މެނިފެސްޓޯއާ ބެހޭ ގޮތުން ވަނީ އެންމެ ހަތަރު ފޮޅުވަތް ކަމަށެވެ.
"ގާސިމް މުޅި ވާރޭގައި އުޅުއްވައިގެން އެ ހެއްދެވި މެނިސްފެސްޓޯގައި އިނީ ވެބްސައިޓް ބަލާލި އިރު ހަމަގައިމު ވެސް [އިނީ] ހަތަރު ލައިން." ތަސްމީން ވިދާޅުވި އެވެ.