27 Aug 2013, 20:08
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އާދަމް މުހައްމަދު އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރެވެން ނެތްކަމަށް ނިންމާފައި ވަނީ ގާނޫނާއި ޚިލާފަށް ކަމަށް ބުނެ އެ ކޮމިޝަންގެ މެންބަރު ޝުއައިބު އަބްދުއްރަހްމާން މީޑިއާތަކުގައި ދައްކަވާފައިވާ ވާހަކަތަކަށް ޖޭއެސްސީގެ ރައީސް ރައްދު ދެއްވައިފި އެވެ.
ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރެވެން ނެތްކަމަށް ނިންމަވާފައި ވަނީ އެކަމަކީ ގާނޫނު އަސާސީގެ 157 ވަނަ މާއްދާ އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 10 ވަނަ މާއްދާ އާ ޚިލާފު ކަމަކަށް ވާތީ ކަމަށެވެ. އެކަން އެގޮތަށް ނިންމަވައި ޝުއައިބުއަށް ލިޔުމުން އަންގަވާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި އާދަމް މުހައްމަދު ވިދާޅުވެފައިވެ އެވެ.
ޖޭއެސްސީގެ ރައީސްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ކޮމިޝަންގެ ރައީސަކާއި ނައިބު ރައީސަކު ހަމަޖެއްސުމަށް ފަހު، އެއްވެސް ސަބަބަކާހެދި ކޮމިޝަންގެ ރައީސް ކަމުގެ މަގާމްގައި ހުރި މީހަކު އެ މަގާމުން ވަކިކުރުމަކީ ކޮމިޝަންގެ މެންބަރުންނަށް ލިބިދީފައިވާ ބާރެއް ނޫންކަން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 10 ވަނަ މާއްދާއިން ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
ޝުއައިބު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރަން ނިންމާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) އާއި (ނ)ގެ އިތުރުން މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 24 ވަނަ މާއްދާ އާ ޚިލާފަށް ކަމަށެވެ.
ޝުއައިބުގެ އެވާހަކަތަކަށް ރައްދުދެއްވައި ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، އެ އެންގުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) އާ ޚިލާފުވާގޮތަކީ ޝުއައިބު ހުށަހެޅުއްވި މައްސަލައަކީ ކޮމިޝަންގެ ރައީސްގެ މަސްލަހަތު އޮތް ކަމެއް ކަމަށް ވާތީ ކަމަށް ޝުއައިބު މީޑިއާގައި ވިދާޅުވި އިރު، އެ މައްސަލައަކީ އޭގެ ޒާތުގައި ޝުއައިބުގެ މަސްލަހަތު ވެސް އޮތްކަމެއް ކަމަށެވެ.
އެ ބަޔާނުގައި ވާގޮތުން، ޝުއައިބު އެގޮތަށް ހުށަހަޅާފައި ވަނީ ގާނޫނީ އިމުން ބޭރުން އޭނާ ވެސް ރައީސްކަމުގެ މަގާމަށް އަންނަން ބޭނުންވާތީ ކަމަށާއި އިތުބާރު ނެތްކަމަށް ހުށަހެޅުމަކީ އެކަމަށް މަގުފަހި ކުރުން ނޫންކަމަށް ބެލެވޭނެ ހަމައެއް ނޯންނާނެ ކަމަށެވެ.
"...ޝުއައިބު އަބްދުއްރަހްމާންގެ މި ހުށަހެޅުމަކީ މި ކޮމިޝަންގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) އާ ކަނޑައެޅިގެން ޚިލާފު ހުށަހެޅުމެއްކަން ސާފުކޮށް އެނގެން އޮތުމުގެ އިތުރުން ޝުއައިބުގެ އެ އަމަލަކީ ކޮމިޝަންގެ މެންބަރުންގެ ސުލޫކީ މިންގަނޑު ކަނޑައަޅާފައިވާ ކޮމިޝަންގެ ގާނޫނުގެ 17 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު އަމަލަކަށް ވާތީ ކޮމިޝަންގެ މެންބަރަކަށް ހުރެ ކޮމިޝަންގެ މެންބަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ހުށަހެޅޭ އެއްވެސް ހުށަހެޅުމަކީ އެއަށް އިޖާބަދިނުން ގާނޫނީގޮތުން ހުއްދަކުރާ ކަމެއް ނޫންކަން އެނގެއެވެ." އާދަމް މުހައްމަދުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.