އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ރަށްރަށަށް ކަނޑައެޅިފައިވާ ބަޖެޓް މީގެ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ހަފުތާއެއް ދޫކޮށްލެއްވުމަށްފަހު އެމަނިކުފާނު ދެއްވި ރޭޑިއޯ ތަގުރީރުގައި މިއަދު ވިދާޅުވީ، މިފަހަރު ރަށްތަކުގައި ސީދާ ތަންފީޒު ކުރަންޖެހޭ ޕްރޮގްރާމްތައް ތަންފީޒު ކުރުމަށް ރަށްރަށަށް ކަނޑައެޅިފައިވާ ބަޖެޓް މީގެކުރީގެ އަހަރުތަކާ އަޅާބަލާއިރު، ވަރަށް ބޮޑުތަނުން ބޮޑުކޮށްފައިވަނީ، މިނިސްޓްރީތަކުން ހިންގާ މަސައްކަތް، މިހާރަށްވުރެ ކުޑަވާނެ ކަމަށާއި އަދި ޚާއްޞަކޮށް، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތައް ހިންގާން ފެށުމުން، ޒިންމާދާރުކަމާ އެކުގައި ހިންގާންޖެހޭ މަސައްކަތްތަކެއް ހުންނާނެ ކަމަށް ސަރުކާރަށް ފެންނާތީ ކަމަށެވެ.


" އެކަން ސަރުކާރުން މިކުރަނީ، މިނިސްޓްރީތަކުން ހިންގާ މަސައްކަތް، މިހާރަށްވުރެ ކުޑަވާނެ ކަމަށް ދެކި، އަދި ޚާއްޞަކޮށް، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތައް ހިންގާން ފެށުމުން، ރަށު ކައުންސިލްތަކުގައި ޒިންމާދާރުކަމާ އެކުގައި ހިންގާންޖެހޭ މަސައްކަތްތަކެއް ހުންނާނެ ކަމަށް، ހުންނަންޖެހޭނެ ކަމަށް ސަރުކާރަށް ފެނޭ. އެހެންވީމާ، ކައުންސިލްތަކުގެ ޕްރޮގްރާމްތައް، ހިންގާންވީ ޕްރޮގްރާމްތައް ބަޖެޓާ އެކުގައި ކަނޑައެޅިގެންދާނެ،" އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަހެޅުމަށް ހަމަޖެހިފައިވާ 2011 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ. 


އެމަނިކުފާނު ވިދާޅުވީ، ބަޖެޓުގައި ހަމައެކަނި ފާހަގަވެގެންދާނީ އުމްރާނީ ތަރައްޤީގެ ކެޕިޓަލް ޚަރަދުގެ މަސައްކަތްތައް އެކަނި ނޫންކަމަށެވެ. އެގޮތުން ބަޖެޓުގައި މުހިންމު އަހަންމިއްޔަތު ކަމެއް ދީފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ލުއިލޯނުގެ ގޮތުގައި، ސަރުކާރުން ލޯނު ގެރެންޓީ ކޮށްދެއްވުމުގެ ޕްރޮގްރާމެއް ހިންގެވުން ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ވަކިވަކި ރަށްރަށުގައި ހިންގާ ވަކި ބާވަތްތަކުގެ، ވަކިވަކި ޚާއްޞަ މަސައްކަތްތަކަށް، ލޯނުގެ މަގު ފަހިވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ލުއިލޯނުގެ ގޮތުގައި ސަރުކާރުން ލޯނު ގެރެންޓީ ކޮށްދިނުމުގެ ޕްރޮގްރާމެއް، މިއަހަރުގެ ބަޖެޓްގެ ދަށުން ހިންގޭނެ. އަދި އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ވަކިވަކި ރަށްރަށުގައި ހިންގާ ވަކިބާވަތްތަކުގެ ވަކިވަކި ޚާއްޞަ މަސައްކަތްތަކަށް ލޯނުގެ މަގުފަހިވެގެންދާނެ. އޭގެތެރޭގައި، ދަނޑުވެރިކަމުގެ މަސައްކަތަށް، މަސްވެރިކަމުގެ މަސައްކަތަށް އަދި އެހެންވެސް ބާވަތުގެ ތަކެތި އުފެއްދުމުގެ މަސައްކަތްތަކަށް ލުއި ލޯނުގެ މަގު ހުޅުވި، ފަހިވެގެންދާނެ."


މީގެ އިތުރުރުން ވަށާޖެހޭ ތަޢްލީމެއް ދެއްވުމަށް، މި ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރައްވާނެ ކަމަށާއި ހަމައެހެންމެ، ރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެއްވުމަށްޓަކައިވެސް ވަރަށްބޮޑު ހޭދައެއް ބަޖެޓުން ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ޞިއްޙީ ޚިދްމަތެއް ދިނުމަށްޓަކައި ކުރާ ހޭދަވެސް ބޮޑުވާނެ ކަމަށ ޚާއްޞަ ގޮތެއްގައި، މިމަސައްކަތް ހިންގެވުމަށް ސަރުކާރުން ރާއްވަވާފައިވަނީ، ހެލްތް ކޯޕަރޭޝަންތައް މެދުވެރިކުރައްވައިގެން ކަމުގައި ރައީސް ވިދާޅުވި އެވެ.

އަދި މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް، ޖީ.އެމް.އާރު ކުންފުންޏާ ޙަވާލުކުރެވިފައިވުމަކީ ސަރުކާރަށް ލިބުނު އަދި ރާއްޖެއަށް ވެސް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދުނިޔޭގެ އެހެން ތަންތަނުގައިވެސް މިބާވަތުގެ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގާ އުޞޫލުން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ސަރުކާރުން މިވަނީ އެއަރޕޯޓް ހިންގުމުގެ އެންމެހާ ކަންކަން ނިންމައި، ކަނޑައަޅައި، އެކަމުގެ ޢަމަލީ މަސައްކަތްތައް ފަށްޓަވާފައި ކަމަށެވެ.


ރައީސްގެ ޚިތާބުގައި، މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންނަށް ކުރެވޭ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ބައިނަލް އަގްވާމީ ދުވަހާއި އަދި މާދާމާ ފާހަގަކުރާ ބައިނަލް އަގްވާމީ ކުޑަކުދިންގެ ދުވަހުގެ މުހިންމު ކަމުގެ މައްޗަށް ވެސް ވާހަކަފުޅުދެއްކެވި އެވެ. ކުޑަކުދިންނާމެދުވެވޭ ކޮންމެ އިހްމާލަކީ، އަނިޔާއެއްކަން އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ ކަމަށާއި ދެދުނިޔޭގެ ބާއްޖަވެރި ކަމަށާއި، ހެވާއި ލާބައަށް އެދޭ އެއްވެސް ދިވެއްސަކު، އެކުދިންނަށް އިހްމާލުވެ، އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުމަކީ، ވަރަށް ހިތާމަހުރި ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


އަދި މިހާރު އެމަނިކުފާނު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވައި، އެ ދަތުރުފުޅުގައި، ސްރީލަންކާ ސަރުކާރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.