ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ މަޝްހޫރު ރާޅާ އެޅުންތެރިން ބައިވެރިވާ "ފޯސީޒަން ރިޒޯޓްސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ" މިއަދު ފަށައިފި އެވެ.

ކުޑަހުރާ ރިސޯޓް ކައިރީ އޮންނަ ރާޅާ އަޅާ ފޮއިންޓުގައި ފެށި މި މުބާރާތުގައި މިއަދު ކުރިއަށް ދިޔައީ ސިންގަލް ފިން ރައުންޑެވެ. ސިންގަލް ފިން ބައިން ޗެމްޕިއަންކަށް ހޯދީ އެމެރިކާގެ ޓޮމް ކުރެން އެވެ.

ޓޮމް ކުރެން ސިންގަލް ބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލް ބުރުގައި ބްރެޒިލްގެ ޕެޑްރޯ ހެންރީކް އާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދައިގެންނެވެ.

ސިންގަލް ފިން ބައިގެ ޗެމްޕިއަންކަން ހޯދުމަށްފަހު "ސަން އޮންލައިނާ" ވާހަކަ ދައްކަމުން ޓޮމް ކުރެން ބުނީ، ރާއްޖެ ކަހަލަ ރީތި ގައުމެއްގައި ބާއްވާ މިފަދަ މުބާރާތަކުން ވަނައެއް ހާސިލް ވުމުން ވަރަށް އުފާވާ ކަމަށާއި، ކުޑަހުރާ ރިސޯޓުން މި މުބާރާތް ބާއްވާތީ އެރިސޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މި އަހަރުގެ މުބާރާތުގައި ހަ ރާޅާ އެޅުންތެރިން ވާދަކުރެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ޗެމްޕިއަން އޮސްޓްރޭލިއާގެ ޑޭމިއަން ހާޑްމަންގެ އިތުރުން ދެން ވާދަކުރަނީ މިދިޔަ އަހަރު ވެސް މުބާރާތުގައި ވާދަކުރި އޮސްޓްރޭލިއާގެ މަޝްހޫރު އަންހެން ރާޅާއެޅުންތެރިއާ ލޭން ބީކްލީ އާއި އެ ގައުމުގެ ޓޮމް ކެރޯލް އާއި ބްރެޒިލްގެ ޕެޑްރޯ ހެންރީކް އަދި އެމެރިކާގެ ރާޅާއެޅުންތެރިން ކަމަށްވާ ޓޭލާ ނޯ އާއި ޓޮމް ކުރެން އެވެ.

ހާޑްމަން އާއި ބީކްލީ ފިޔަވައި މި އަހަރުގެ މުބާރާތުގައި ދެން ވާދަކުރާ އެއްވެސް ރާޅާއެޅުންތެރިއަކު ކުރިން މި މުބާރާތުގައި ވާދައެއް ނުކުރެ އެވެ. ޑެމިން ހާޑްމަންއަކީ ދެ ފަހަރު މަތިން ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ ރާޅާއެޅުންތެރިއެކެވެ.

މި އަހަރުގެ މުބާރާތުގައި ވެސް ތިން އިވެންޓެއްގައި ބައިވެރިން ވާދަކުރާނެ އެވެ. އެގޮތުން އެއް ވަނަ އަށްދާ ފަރާތަކަށް 25،000 ޑޮލަރުގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ.

މިއަހަރުގެ މުބާރާތުގައި ވެސް ދިވެހި ރާޅާ އެޅުންތެރިން ވާދަކުރާނެ އެވެ. ދިވެހި ރާޅާ އެޅުންތެރިންގެ ތެރެއިން ވެސް އެންމެ މޮޅު ރާޅާ އެޅުންތެރިއަކަށް 25،000ރ.ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިމުބާރާތުގައި މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ "ޑަބަލް ފިން ބައިގެ" އިވެންޓެވެ.

"ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް ސާފިން ޓްރޮފީ"ގެ ނަމުގައި ފަސް ތަރީގެ އެރިސޯޓުގައި 2011 އަދި 2012 ވަނަ އަހަރު ވެސް ވަނީ ދުނިޔޭގެ މަޝްހޫރު ރާޅާ އެޅުންތެރިން ބައިވެރި ކޮށްގެން ރަނގަޅު ފެންވަރެއްގެ މުބާރާތެއް ބާއްވާފަ އެވެ. 2011 ވަނަ އަހަރު ބޭއްވި މުބާރާތުގެ ސިންގަލް ފިން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ ކުރީގެ ޗެމްޕިއަން އޮސްޓްރޭލިޔާގެ މާކް އޮޗިލޮޕޯ (އޮކީ) އެވެ. އަދި 2012 ވަނަ އަހަރުގެ ސިންގަލް ފިން ބައިގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އޮސްޓްރޭލިއާގެ ޑެމިން ހާޑްމަން އެވެ.