ޔޮޓް ޓުއާސްގެ ދެ ރިޒޯޓެއް ކަމަށްވާ އދ. ކުޑަރަށާއި ހއ. އަލިދޫ ދައުލަތަށް ނެގުމަށް ފޮނުވާފައިވާ ނޯޓިސްތަކަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައި ދިނުމަށް ޔޮޓް ޓުއާސް އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމުގެ މަޝްވަރާތަކަށް ފުރުސަތު ދިނުމަށް ދައުލަތުން އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އިން ހުށަހަޅާފައިވާ އެ މައްސަލާގައި ބުނެފައި ވަނީ އެ ދެ ރިޒޯޓް އަނބުރާ ދައުލަތަށް ނެގުމަށް އަންގާފައިވާ އެންގުމަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައިދީ ބަދަލުގެ ގޮތުގައި 30 މިލިއަން ޑޮލަރު ނަގައިދިނު މަށެވެ.

އެ މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ ޔޮޓް ޓުއާސް އިން ހުށަހަޅާފައި ވަނީ އަލިދުއާއި ކުޑަރަށުން ނުދައްކައިވާ ކުލި 10 އަހަރަށް ބަހާލައިގެން ދެއްކުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު ވެފައިވާ އެމެންޑްމަންޓް އެއްބަސްވުމެއް ދެމެހެއްޓުމަށް ކަމަށްވާތީވެ، އެކަމާ މެދު މަޝްވަރާ ކުރަން ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ.

މިމައްސަލާގައި ޔޮޓް ޓުއާސްގެ ވަކީލު ވިދާޅުވީ މައްސަލަ މަޝްވަރާކޮށްގެން ހައްލުކުރުމާ މެދު ވާހަކަތައް ކުރިއަށްދާ ކަމެއް އެނގިފައި ނުވާ ކަމަށެވެ.

އަލިދުއާއި ކުޑަރަށް އަނބުރާ ނެގުމަށް ދައުލަތުން މަސައްކަތް ކުރަމުން ދަނީ އެ ދެ ރަށުގެ ކުލިން ނުދައްކާ ކަމަށް ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނެފައި ވަނީ އަލިދުއާއި ކުޑަރަށުން ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ހަތް މިލިއަން ޑޮލަރު ނުދައްކާ ހުރި ކަމަށެވެ.