27 Aug 2013, 16:31
ގދ. ފިއޯރީގައި އެއާޕޯޓެއް އޮންނަން ޖެހޭ ކަމަށާއި އެރަށުގެ ރައްޔިތުންގެ މަޝްވަރާއާ އެކީ އެއާޕޯޓުގެ މައްސަލަ ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ މިއަދު ގައުމައިގެން ކުރިއަށް ކޯލިޝަންގެ ކެމްޕޭން ދަތުރެއްގައި ފިޔޯރީއަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވަހީދު އެހެން ވިދާޅުވިއިރު އެ ރަށުން ފުރައިގެން އެ އަތޮޅު ކާޑެއްދުއަށް ލޯންޗްގައި 30 މިނެޓުން ދެވެ އެވެ. އަދި އެ އަތޮޅު ގައްދޫގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކުން ވަނީ ފަށައިފަ އެވެ.
ރައީސް ވިދާޅުވީ ފިއޯރީއަށް ބޭނުންވާ އެއްކަމަކީ ދަތުރުފަތުރުގެ ކަންތައްކަމަށާއި އެގޮތުން ފަސޭހަކަމާއި އެކު ދަތުރުކުރުމަށް ފިޔޯރީގައި އެއާޕޯޓެއް އޮންނަން ޖެހޭ ކަމަށެވެ. އެގޮތުން ފިޔޯރީ ރައްޔިތުންގެ ހިޔާލާއި އެކު އެއާޕޯޓުގެ މައްސަލަ ކެބިނެޓަށް ވައްދާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
"މިރަށަށް ބޭނުންވާ އެންމެ ބޮޑު އެއްކަމަކީ ދަތުރުފަތުރުގެ ކަންތަކާއި ފަސޭހައިން އައިސް ގޮސް އުޅުމުގެ ކަންތައްތައް. މިރަށުގެ އެއާޕޯޓުގެ ވާހަކަ ތިޔަބޭފުޅުން ދައްކާތާ ދުވަސްތަކެއް ވެއްޖެ. އެއާޕޯޓެއް އޮންނަންޖެހޭ މިތާގަ. އެއާޕޯޓެއް އޮވެގެން ފަސޭހައިން ދަތުރުފަތުރު ކުރެވޭނީ .... އަޅުނގަޑު ވެސް ސަޕޯޓު ކުރަން އެއާޕޯޓެއް މިތާނގައި އަޅަން. އަޅުގަނޑުމެން ޖެހޭ ކޮންތާކުތޯ އަޅާނީ ބަލަން. މިކަމުގައި ތިޔަބޭފުޅުންގެ ލަފައާއި އެކީގައި މައްސަލަ ކެނބިނެޓަށް ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު އިތުރަށް ވިދާޅުވީ ފިޔޯރީގެ ރައްޔިތުން ދުރަށް ވިސްނަންޖެހޭ ކަމަށާއި އެގޮތުން ފިޔޯރީގައި ނަރުދަމާއި މަގު ހެދަން ޖެހޭ ކަމަށެވެ. އަދި އެރަށުން ނަރުހުން އުފައްދަން އެބައޮތް ކަމަށާއި އެގޮތުން ސިއްހީ ދާއިރާ ވެސް ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަހީދު ވަނީ ދޮޅު އަހަރު ދުވަހު ކޮށްދެއްވާފައި ކަންތައްތައް ފާހަގަކުރައްވާ ފުރިހަމަ ފަސް އަހަރެއް ލިބިވަޑައިގަތްފިނަމަ ވަރަށް ބައިވަރު ކަންތައް ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.