ބިދޭސީންނާއި ދިވެހިން ކައިވެނި ކުރުމަށްފަހު ވަރިކުރުމުން ދިމާވާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑަ މިނިސްޓްރީގެ މަސައްކަތާގުޅޭ ގޮތުން ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވީ ދިވެހިން ބޭރު މީހުންނާ ކައިވެނިކޮށްފައި ވަރިކުރުމުން ނިކަމެތި ވެގެންދާ ކުޑަކުދިންނާއި އަންހެނުންގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަން މަދުކޮށް، އެކަމުގައި އަނިޔާ ލިބޭ ނިކަމެތިވާ ކުޑަކުދިންނާއި އަންހެނުންނަށް އެހީވުމަށް މިނިސްޓްރީން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށް ރަމީލާ ވިދާޅުވި އެވެ.

ރަމީލާ ވިދާޅުވީ ބިދޭސީންނާއި ކައިވެނިކޮށްގެން އުޅޭ މީހުންގެ ކައިވެނި ރޫޅުމުން ދަރިންނަށް ޚަރަދު ދިނުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އަންހެނަކާ އިނދެގެން ބިދޭސީ މީހާ އުޅެނިކޮށް ތަފާތު ކަންތައްތަކާ ހެދި ބިދޭސީ މީހާ ފޮނުވާލުމާއި ނުވަތަ އެހެން ވަޒީފާއެއް ލިބިގެން ބިދޭސީ މީހާ އުޅޭ ނޫޅޭ ތަނެއް ނޭންގުން ފަދަ ކަންތައްތައް ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ދިވެއްސެއް ނަމަ ދަރިންނަށް ޚަރަދު ހޯދުން ފަސޭހަ ކަމަށް ރަމީލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރު މީހާ އަންހެނުން ވަރިކޮށްފައި ފުރައިގެން ދިއުމަށްފަހު ދަރިންނަށާއި އަންހެނުންނަށް ޚަރަދު ހޯދައިދޭނެ ގޮތެއް އަދި ވެސް ހަމަޖެހިފައިނުވާ ކަމަށެވެ.

"ދިވެއްސަކު ވެއްޖިއްޔާ ޚާއްސަކޮށް ސަރުކާރުގެ ވަޒީފާއެއްގައި އުޅެންޏާ ވަރަށް ފަސޭހަ ދަރިންގެ ޚަރަދު ނަގައިދިނުމަށް. ނަމަވެސް ބޭރުމީހާ ގައުމު ދޫކޮށްދިއުމަށް ފަހު ނުވަތަ ބޯޑާއިން ބޭރަށް ދިއުމަށްފަހު އެއްވެސް ރޫލެއް އެކޮޅަކަށް ނުހިނގާ،" ޑރ. ރަމީލާ ވިދާޅުވި އެވެ.

ރަމީލާ ފާހަގަ ކުރެއްވި ގޮތުގައި ބޭރު މީހުންނާ އިނދެގެން ރާއްޖޭން ބޭރުގައި އުޅޭ ދިވެހިން ދަރިން ލިބި ވަރިކުރުމަށްފަހު ދަރިން ހޯދަން ބޭނުންވެގެން މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތައް ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި އެފަދަ ކުދިން ދެގައުމުގެ ކުދިންނަށް ވުމުން ކުދިން ހޯދުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިނީ ތަފާތު ކަންތައްތަކެއް މީގައި އެބަ ދިމާވޭ. ބައެއް ފަހަރު އެބަ ބުނޭ ތިމަންނަގެ ދަރިފުޅު ދަނީ މިވެނި ސުކޫލަކަށޭ. އެ ސްކޫލަށް ގެންދާކަށް ބޭނުމެއްނުވެޔޭ. އެކޮޅުން އެގައުމުގެ ކޯޓުތަކަށް އަނެއް މީހާ އެބަދޭ އޭނަގެ ދަރިފުޅޭ ކިޔާފައި. ހާއްސަކޮށް ކުޑަކުދިން ބޯޑާ ކްރޮސްކޮށްފައި ދިއުމުން ގެނައުމަކީ ހަމަ ވަރަށް އުނަދަގޫ ކަމެއް،" ރަމީލާ ވިދާޅުވި އެވެ.