27 Aug 2013, 15:49
އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ކާބަފައިން ގެނެސްދިން ދިވެހި ރާއްޖޭގައި ކަމަށާއި "އަނެއް ދިވެހިރާއްޖެ"އެއް ނޯންނާނެ ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ތ. ހިރިލަންދޫގައި ޕީޕީއެމްއާއި އެމްޑީއޭ ކޯލިޝަނުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ކާބަފައިން އަޅުގަނޑުމެންނަށް ގެނެސްދިން މި ދިވެހިރާއްޖެ ތަރައްގީ ކުރުމަކީ ޕީޕީއެމާއި އެމްޑީއޭ އިން އުފައްދާ ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށެވެ.
"އެނގިލައްވާތޯ އަނެއް ދިވެހިރާއްޖެއެއް ނޯންނާނެ. ދިވެހި ރާއްޖެއަކީ ދިވެހިރާއްޖެ. އަޅުގަނޑުމެންގެ ރާއްޖޭގެ ކާބަފައިން މިއަދާ ހިސާބަށް ގެނެސްދިނީ މި ދިވެހިރާއްޖެ. މާތްﷲގެ ރަހުމަތްފުޅުން މި ދިވެހި ރާއްޖެ އަޅުގަނޑުމެން ތަރައްގީ ކުރާނީ. މި ދިވެހި ރާއްޖޭގެ އެންމެން އަޅުގަނޑުމެން މުއްސަނދި ކޮށްދޭނަން،" ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިހާރަށް ވުރެ ފުރިހަމަ ސިއްހަތާއި ތައުލީމްގެ ފުރުސަތުތައް ވެސް ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން އުފައްދާ ސަރުކާރުން ދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެއަކީ ގުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ ގައުމެއް ކަމަށް ވާތީ ސިންގަޕޫރަށް ވުރެ ފެންވަރު ރަނގަޅުކޮށް ރާއްޖެ ތަރައްގީ ކުރެވޭނެ ކަމަށާއި އެ ތަރައްގީ ރައްޔިތުންނަށް ގެނެސްދެއްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުން 2008 ވަނަ އަހަރު ކުރި ފޮނި އުންމީދުތައް ބިލާހަކަށް ވެގެން ގޮސްފައިވާ ކަމަށާއި އެކަން އެގޮތަށް ދިމާވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިންތިޚާބު ކާމިޔާބު ކުރެވޭގޮތް ނުވުމުން ކަމަށް ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި މައުމޫނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހުނީ ގައުމު ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެ ނުކުމެވަޑައިގަތް ލީޑަރުންތަކެއް މައުމޫނާ ބެހޭ ގޮތުން ދެއްކި ދޮގު ވާހަކަތަކެއް ގަބޫލު ކުރުމުން ކަމަށެވެ. އެކަމުގެ ސަބަބުން މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިފައިނުވާ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެންނަށް ލިބިގެން ނުދިޔައީ އަޅުގަނޑުމެންގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްގީގެ ބާނީ ކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިދިޔަ ފަހަރު އަޅުގަނޑުމެންގެ ރައްޔިތުންގެ ބަޔަކު މީހުން ދޮގާއި މަކަރާއި ހީލަތާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ދައްކައިގެން އެ އެއްޗިހި ގަބޫލު ކުރެވިގެން އަޅުގަނޑުމެންނަށް ކާމިޔާބު ނުކުރެވިގެން،" ސިޔާމް ވިދާޅުވި އެވެ.
ހިރިލަންދޫގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންނެވި އެވެ.