ދ. ކުޑަހުވަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ހަދަން ޝައުގުވެރިވާ ބަޔަކު ހޯދަން ޓޫރިޒަމް މިިނިސްޓްރީން ހުޅުވާލުމުން ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

މިނިސްޓަރު އަހުމަދު އަދީބު މިއަދު ސަން އަށް ވިދާޅުވީ ކުޑަހުވަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރާ ފަރާތަކަށް ރިސޯޓެއް ހެދުމަށް ރަށެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް ދިން މުއްދަތު އާދީއްތަ ދުވަހުގެ ނިޔަލަށް ހަމަވި އިރު ކުރިމަތިލި ދެ ފަރާތުގެ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ދިރާސާކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ފަރާތުން ހުށަހަޅާފައިވާ އީއޯއައި ދިރާސާކުރުމަށް ފަހު ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދެވޭނެ. އަޅުގަނޑުމެން މަސައްކަތްކުރަނީ މި އަހަރުގެ ތެރޭގައި މިކަން ފެށުމަށް،" އަދީބު ވިދާޅުވި އެވެ.

އެ އެއާޕޯޓް ހެދުމަށް ޝައުގުވެރިކަން ފާޅުކުރި ދެ ފަރާތުގެ ނަމެއް އަދީބު ވިދާޅެއް ނުވެ އެވެ.

އެ ރަށުގައި އެއާޕޯޓެއް ހެދުމަށް 2007 ވަނަ އަހަރު އެއާޕޯޓް އިންވެސްޓްމަންޓް ކޮމްޕެނީ )އެއިމް(އާ ސަރުކާރުން ހަވާލުކުރި އެވެ. ނަމަވެސް އެ ރަށުގައި އެއާޕޯޓެއް ހެދުމަށް އޭރު އެ ކުންފުންޏަށް އިންވެސްޓަރެއް ނުލިބުނެވެ. އަދި އޭގެ ފަހުން 2009 ވަނަ އަހަރު ވެސް އެ ރަށުގައި އެއާޕޯޓެއް ހެދުމަށް ސަރުކާރުން އިއުލާންކުރި އެވެ.