މިއަހަރު އޭ ލެވެލް އިމްތިހާނުގެ އެންމެ މޮޅު ދަރިވަރު، ސ. މީދޫ އުއިގަސްދޮށުގޭ މަރިޔަމް ޖުވޭރިޔާ ގާތުގައި ކިޔެވުމުގައި އެހާ މޮޅުވީ ކިހިނެއްތޯ ސުވާލު ކުރީމެވެ. ޖުވޭގެ ޖަވާބަކީ މިއެވެ: "ވަރަށް ގަދަ އަށް ޕްރެކްޓިސް ކުރަން، ދަސްކުރަން. ނޭނގެންޏާ ނިދަން ވެސް ނޯވެވޭ. ތެދުވެގެން ގޮސް ފޮތް ނަގައިގެން ވެސް ޕްރެކްޓިސް ކުރަން ފަށަން. ހަމަ ދަސްކޮށްފައި ނޫނީ ދުލެއް ނުކުރަން،" 


އުމުރުން 19 އަހަރުގެ ޖުވޭ ވަނީ މިފަހަރު އޭ ލެވެލް އިމްތިހާނުގެ އެކައުންޓްސް މާއްދާ އިން ސައްތައިން ސައްތަ ހޯދައިގެން ދުނިޔޭގެ އެއް ވަނަ ހޯދައިފަ އެވެ. އޭ ލެވެލް ގަދަ 10 އެއްގެ ދެވަނައިގައި ހިމެނުނު ޖުވޭ ވަނީ އޭނާ ހެދި ދެ މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާއަކުން މުޅި ގައުމުން އެއް ވަނަ ވެސް ހޯދައިފަ އެވެ.


އިސްލާމާއި، އިކޮނޮމިކްސްއާއި، އެކައުންޓްސް އަދި ބިޒްނަސް ސްޓަޑީސްގެ ނޭޝަނަލް ޓޮޕް ތަށި އުފުލައިލީ ސީއެޗްއެސްއީން ގްރޭޑް އެގާރާ ބާރަ ކިޔެވި ޖުވޭ އެވެ.


އެކައުންޓްސް މާއްދާ އިން 100 ޕަސަންޓް ހޯދުމާއެކު ގިނަ މާއްދާތަކުން މަތީ ނަތީޖާ ހޯދީ ކިހިނެއްތޯ އެހުމުން ޖުވޭ ބުނީ، އެއީ "ގިވް އަޕް" ނުކޮށް ފިލާވަޅު ދަސްކޮށް، ވަރަށް ގަދަ އަށް ޕްރެކްޓިސް ކުރުމުގެ ނަތީޖާ ކަމަށެވެ. އެކައުންޓްސް މާއްދާއަކީ ޖުވޭއަށް ފަސޭހަ މާއްދާއެއް ނަމަވެސް އެއްވެސް އިރެއްގައި ފަސޭހަކޮށް ނުވިސްނާ ކަމަށް އޭނާ ބުންޏެވެ.


"ޕްރެކްޓިސް، ޕްރެކްޓިސް، ޕްރެކްޓިސް. ނޭނގެންޏާ އެނގޭ ވަރަށް ޖުވޭ އޭގަ [ފިލާވަޅުގައި] ހިފާނަން. ދުވާލަކު ފަސް ހަ ގަޑިއިރު ވެސް ހިނގައިދާނެ އެކަމަށް. ހަމަ 24 ގަޑިއިރު ކިޔަވަން. އެއީ ކޮންމެހެން ފޮތާ އެއްކޮށް ނޫޅުނަސް މައިންޑް ގައި އޭތި [ފިލާވަޅު] އަބަދު އޮންނާނެ" އޭނާ ބުންޏެވެ.


މޮޅަށް ކިޔެވުމުގައި ޖުވޭ ވިދަން ފެށީ ކުއްލިއަކަށް ނޫނެވެ. އުފަން ރަށް، މީދޫން ޕްރައިމަރީ ތައުލީމު ހާސިލް ކުރުމަށްފަހު އަމީނިއްޔާ ސްކޫލުން ސެކަންޑަރީ ފުރިހަމަ ކުރީ އަބަދުވެސް އޭ ރިޕޯޓުގެ ސާފު ރިކޯޑާ އެކުއެވެ. އަދި 2007 ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ނޭޝަނަލް ޓޮޕް ޓެން އިން އެއްވަނަ ހޯދި ކުދިންގެ ލިސްޓުން ވެސް ޖުވޭއަށް ގާގަ ކަށަވަރުވި އެވެ.


ބާރަ އަހަރުގެ ތައުލީމީ ދަތުރުގައި ޖުވޭ އަށް ދަތިތަކާ ވެސް ކުރިމަތިވި އެވެ. ރަށުގެ ހަމަހިމޭން މާހައުލުގައި އުޅެމުން އައިސް ތޮއްޖެހިފައި އޮތް މާލެ އަށް ބަދަލުވިއިރު، ޖުވޭ އަށް ދަސްވެފައި އޮތީ ހިމޭން މާހައުލެއްގައި ކިޔަވާށެވެ. ނަމަވެސް، ކާރޫބާރޫ ބޮޑު މާލެއިން އެފަދަ "ސްޓޫޑެންޓް ފްރެންޑްލީ" މާހައުލެއް ނުލިބުމުން ފަސޭހަ ކަމާއެކު ފިލާވަޅު ހަދަން ޖުވޭއަށް ވަރަށް ބޮޑު މައްސަލައަކަށްވި އެވެ. ނަމަވެސް، ވެރިރަށް މެލޭގޭ މާހައުލު ބަދަލު ނުކުރެވޭނެ ކަން ގަބޫލުކުރެވޭތީ، ޖުވޭ ބޭނުންވީ މޮޅަށް ކިޔެވުމަށްޓަކައި އަމިއްލަ ނަފްސަށް ބަދަލު ގެންނާށެވެ.


"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ މީހަކު ވެސް ކުރަން ބޭނުންވާ ކަމެއް ވާނަމަ ހާސިލްކުރެވޭނެ. އެހެންވެ އަޅުގަނޑު ބަދަލުވީ. އަޑު ގަދަ ތަންތަނުގައި ވެސް ކިޔަވަން އަމިއްލަ މީހާ (ޖުވޭއަށް) އަށް ދަސްކޮށް ދިނީ"


ހަމަ އެގޮތަށް ބައެއް ޓީޗަރުންނަށް ފިލާވަޅު ރަނގަޅަށް ކިޔައިނުދެވޭ މައްސަލައާ ކުރިމަތިލާންވެސް ޖުވޭއަށް ޖެހުނެވެ. އެކަމަށް ހައްލު ހޯދީން ޓިއުޝަން ނަގައިގެނެވެ. ނަމަވެސް، ޓީޗަރުންގެ މައްސަލައަކީ ތަކުރާރުކޮށް ދިމާވާ މައްސަލައަކަށް ވާތީ، ޓީޗަރުންނަށް ބަރޯސާ ނުވެ، ފޮތުގެ އެހީގައި ދަސްކުރުމަށް އޭނާ ބޮޑަށް ހިތްވަރުކުރި އެވެ. 


އުނދަގޫތަކުގެ ތެރެއިން ވެސް ކިޔެވުމަށް ޖުވޭ ބެހެއްޓި ޝައުގުވެރިކަމުގެ ފަހަތުގައި ވަނީ މުހިންމު ސަބަބުތަކެކެވެ. އާއްމު ގޮތެއްގައި ފުރާވަރުގެ ކުދިން ނުވިސްނާ ދުރު ވިސްނުމެކެވެ.


އޭނާ ބުނީ، ކިޔެވީ ކޮންމެހެން މައިންބަފައިން ބުނާތީ އެމީހުންނަށްޓަކައި ނޫން ކަމަށެވެ. އޭގެ ބަދަލުގައި ތިމާއަށްޓަކައި މުސްތަގުބަލު އުޖާލާ ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އަންހެންނަކަށްވީ ނަމަވެސް، އަމިއްލަ އާއިލާ އަށާއި ގައުމަށް ރަނގަޅު ފައިދާތަކެއް ހޯދައިދެވޭނެކަން ދުނިޔެ އަށް އަންގައިދިނުމަށްޓަކަ އެވެ.


"ގިނަ ކުދިން ކިޔަވާނީ މަންމަ ނޫނީ ބައްޕަ ބުނީތީ. އެކަމަކު އަޅުގަނޑު ކިޔެވީ ހަމަ އަޅުގަނޑަށްޓަކައި. އަޅުގަނޑަށް އެނގޭ ނުކިޔަވައިފިނަމަ މުސްތަގުބަލު ރަނގަޅު ނުވާނެ ކަން. އަދި އަމިއްލަ މީހާ އަށް މޮޅު ނުވޭވެ ކަމުގައި ވަންޏާ ކިހިނެތް މައިންބަފައިންނަށް އެހީވާނީ؟ އެހެންވެ އަޅުގަނޑު ބޭނުންވީ ކިޔަވައި މޮޅުވާން" އިގްތިސާދީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް، ޗީފް އިކޮނޮމިސްޓަކަށް ވުމުގެ އަޒުމުގައި މިހާރު މަސައްކަތްކުރަމުންދާ ޖުވޭ ބުންޏެވެ.


ޖުވޭ އުއްމީދުކުރީ އޭ ލެވެލްގެ އެއް ވަނަ ހޯދާ ކުދިންނަށް ސަރުކާރުން ދޭ ސްކޮލަޝިޕް ހާސިލްކޮށްގެން އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އަށް މަތީ ތައުލީމު ހާސިލްކުރަންދާށެވެ. ނަމަވެސް، އެންމެ "ބީ" އަކާ ހުރެ އެ ފުރުސަތު "ކެޓީ" އެވެ. އެހެންވިޔަސް ޖުވޭ ހިތްވަރު އެލުވާލައިގެން ހުރީއަކީ ނޫނެވެ.


"މިހާ ވަރަށް މަސައްކަތްކުރީ އެ ޑްރީމް ހާސިލްކުރަން. ދެންވެސް ހަމަ މަސައްކަތްކުރާނަން. އިރާދަކުރެއްވިއްޔާ އަދި އެ ފުރުސަތު ލިބޭނެ"


އަހަރެމެން އެންމެވެސް އެދެނީ ޖުވޭ ދެކޭ ހުވެފެނުގައި ކުލަޖެހިގެން އައުމަށެވެ.