އަންނަ ހޮނިހިރު ދުވަހު ނޭޕާލުގައި ފެށުމައް ތައްޔާރުވަމުންދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ބައިވެރިވާ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު އިބްރާހީމް އާމިރު (ސަލްސާ) މިއަދު މެނޭޖަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ގައުމީ ޓީމުގެ މެނޭޖަރުކަމުން އާމިރު އިސްއުފާ ދެއްވިކަން އިއުލާނު ކުރީ މިއަދު މެންދުރުފަހު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި ގައުމީ ޓީމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމްސް އަލީ ސުޒޭން އެވެ.

ސުޒޭން ވިދާޅުވީ މެނޭޖަރުކަމުން އިސްތިއުފާ ދެއްވުމަށް އާމިރު ނިންމެވީ ގައުމީ ޓީމު އެންމެ ފަހުން ތައިލެންޑަށް ކުރި ތަމްރީން ދަތުރުގައި، ދެ ކުޅުންތެރިއެއްގެ ފަރާތުން ޓީމު ތެރޭގައި ދިމާވި އަހުލާގީ މައްސަލައެއްގައި އާމިރު އަޅުއްވަން ބޭނުންވި ފިޔަވަޅު އެޅުމަށް އެފްއޭއެމްއިން އުޒުރުވެރި ވުމުން ކަމަށެވެ.

"ޓީމުގައި ދިމާވި މައްސަލައަކީ، ތައިލެންޑުގައި ދެ ކުޅުންތެރިއަކު، ހަމަޖެހިފައިވާ ގަވާއިދުގެ ބޭރުން، ހަމަޖެހިފައިވާ ގަޑިއަށްވުރެ ލަހުން އެ ދެކުޅުންތެރިން ކެއުމަށްޓަކައި ދިޔަކަމަށް މައުލޫމާތު ލިބިފައި އޮތީ. އެކަމާ ގުޅިގެން އެ ދުވަހު އެ ދެކުޅުންތެރިންނާ ދޭތެރޭގައި ފިޔަވަޅު އަޅައި، އެ ދެކުޅުންތެރިންގެ ޕޮކެޓްމަނީއިން ވެސް ބައެއް ކަނޑައި ފިޔަވަޅުތަކެއް އަޅާފައި މިވަނީ،" ސުޒޭން ވިދާޅުވި އެވެ. " ދެން އޭގެ އިތުރު އެ ދެ ކުޅުންތެރިން ޓީމުގައި ނުހިމެނުމަށް މެނޭޖަރުގެ މަޝްވަރާ އޮތް، އަދި އެފްއޭއެމްއިން ވެސް އޭރު ބޭނުންވީ ހަމަ ޑިސިޕްލިން މެއިންޓެއިން ކުރަން."

ސުޒޭން ވިދާޅުވީ، ތައިލެންޑަށް ދިޔަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއަށްފަހު، ހުރިހާ އޮފިޝަލުންގެ މަޝްވަރާގެ މަތިން ތައިލެންޑުގައި ބޭއްވި ހުރިހާ ޕްރެކްޓިސްތައް ވެސް ކުރިއަށް އެންދިޔައީ އެ ދެކުޅުންތެރިން ބޭނުން ކޮށްގެން ކަމަށެވެ.

"މުޅި ދަތުރުގައި އެ ދެ ކުޅުންތެރިން ބޭނުން ކޮށްފައި އެ ދެކުޅުންތެރިންނަކީ، މުހިއްމު ކުޅުންތެރިން ކަމަށް ކޯޗު އެއްބަސްވާތީއާއި، ކޯޗު ދިން 20 ކުޅުންތެރިންގެ ތެރޭގައި ވެސް އެ ދެ ކުޅުންތެރިން ހިމެނޭތީ، އެފްއޭއެމްގެ ނިންމުމެއް އެތާނގައި ނިންމަން ޖެހޭ ހިސާބަށް ދިޔައީ. މެނޭޖަރާ ކޯޗާ ހިޔާލު ތަފާތުވުންތަކެއް މާބޮޑަށް ވެސް ހުރީ މިކަމުގައި،" ސުޒޭން ވިދާޅުވި އެވެ. "މިކަމުގައި އެފްއޭއެމްގެ ސްޓޭންޑަކީ، މިވަގުތު ޓެކްނިކަލް އެއްވެސް ރިޕްލޭސްމަންޓެއް ކޯޗަށް ނެތިއްޔާމު، އެ ދެ ކުޅުންތެރިން ޓީމުގައި ހިމަނަން އެފްއޭއެމް އިން ނިންމީ."

ތައިލެންޑް ދަތުރުގައި ޑިސިޕްލިނަރީ މައްސަލަ ދިމާވި ދެ ކުޅުންތެރިންނަކީ، އިސްމާއީލް އީސާ (މެސީ) އާއި ހަސަން އަދުހަމް (ސަޑޭ) އެވެ.

ސުޒޭން ވިދާޅުވީ، އެ ދެކުޅުންތެރިންނާ ދޭތެރޭގައި އެފްއޭއެމްއިން އަޅަންޖެހޭ އިތުރު ހުރިހާ ފިޔަވަޅެއް ވެސް އަޅުއްވާނެ ކަމަށާއި އަދި އެ ދެ ކުޅުންތެރިން ވެސް ވަނީ، އެ ދުވަހު ހަމަ އެވަގުތު އެކަމަށް މާފަށް އެދި އިސްލާހުވެފައި ކަމަށެވެ.

"އެ ދެ ކުޅުންތެރިންނަކީވެސް ކޯޗަށް މުހިއްމު ދެ ކުޅުންތެރިއަކަށްވާއިރު އެ ދެކުޅުންތެރިން އެވެއިލަބްލް ނުވާގޮތެއް ހަދަން އެފްއޭއެމްއަށް މިވަގުތު ނުފެންނާތީ، ކޯޗު އެ ނެގި ސްޓޭންޑްގަ އެފްއޭއެމް ވެސް މިއޮތީ،" ސުޒޭން ވިދާޅުވި އެވެ.

ސުޒޭން ވިދާޅުވީ އެފްއޭއެމްގެ ނިންމުމާ މެދު އާމިރުގެ ހިތްހަމަ ނުޖެހުން އޮތްއިރު އޭނާގެ އެ ނިންމުމަށް އެފްއޭއެމް އިން ވެސް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށާއި އަދި އާމިރުގެ އަގުހުރި ހިދުމަތްތައް ޝުކުރުވެރި ކަމާއެކު އެ އިދާރާއިން ފާހަގަ ކުރާ ކަމަށެވެ.

"ޓީމެއް ޓީމެއްގެ ގޮތުގައި އޮތުމަށް ޑިސިޕްލިން މެއިންޓެއިން ކުރުމަކީ، ވަރަށް މުހިއްމު ކަމެއް. އެހެން ނަމަވެސް ހަމަ އެއާއެކު ޓީމެއްގެ މުހިއްމު ކުޅުންތެރިން ތަކެއް ނުހިމެނުން އެއީ، އެހުންނަ ޓެކްނިކަލް މީހަކަށް ވާނެ ކަމެއް ނޫންކަމަށް ވާކަމަށް ވަންޏާ، އެއީ ދެވަނަ ވިސްނުމަކަށް ވެސް ދާން ޖެހޭ ކަމަކަށް ވުމާއެކު އެފްއޭއެމްއިން ނިންމީ، ޓެކްނިކަލް ގޮތުން ކޯޗަށް ސަޕޯޓް ދޭން،" ސުޒޭން ވިދާޅުވި އެވެ.

ގައުމީ ޓީމަށް 2011 ވަނަ އަހަރުން ފެށިގެން ހިދުމަތްކުރަށްވަމުން ގެންދަވާ ސަލްސާ އާމިރު ސަންއަށް ދެއްވި ކުރު އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާ ބޭނުންވީ ޓީމުގެ ތެރޭގައި އަހްލާގީ ކަންތައް ހިފަހައްޓަން ކަމަށާއި އަދި އޭނާ ބޭނުންވި ފިޔަވަޅު އެޅުމަށް އެފްއޭއެމްއިން އުޒުރުވެރި ވުމުން މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ދެކިލައްވާތީ އެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

އާމިރުގެ ބަދަލުގައި ގައުމީ ޓީމަށް މެނޭޖަރެއް މިވަގުތު ހަމަޖައްސަން އެފްއޭއެމްއަށް ނުފެންނާތީ، ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް މާދަމާރޭ ނޭޕާލަށް ފުރުމަށް ހަމަޖެހިފައިވާ ގައުމީ ޓީމާއެކު މެނޭޖަރެއްގެ ބަދަލުގައި ދަތުރު ކުރާނީ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމް އަލީ ސުޒެއިން އެވެ.