27 Aug 2013, 12:54
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައީސް އާދަމް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ހުށަހެޅި މައްސަލަ އެޖެންޑާ ނުކޮށްދީގެން އެ މައްސަލަ އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ޖޭއެސްސީ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހެޅުއްވި އެކޮމިޝަންގެ މެމްބަރު ޝުއައިބް އަބްދުރަޙްމާން މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ އޭސީސީ އަށް ހުށަހަޅުއްވަން ނިންމެވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ހުށަހެޅުމުން އެ މައްސަލަ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެޖެންޑާކޮށްދީފައިނުވާތީ ކަމަށެވެ.
"އާދަމް މުހައްމަދުގެ އެ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް. އެހެންވެ އެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅީ. އެ ނިންމުމަކީ އޭނާ އަމިއްލައަށް ނިންމަވާފައިވާ ނިންމުމެއް ކަމަށް ދެކޭތީ،" ޝުއައިބު ވިދާޅުވި އެވެ.
އޭސީސީގެ އިތުރުން އެ މައްސަލަ ޝުއައިބުގެ ފަރާތުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވައިފަ އެވެ. ގާނޫނާ ހިލާފު ކަންތައްތަކެއް އާދަމް މުހައްމަދު ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތުކުރައްވާ އޭނާ އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށެވެ.
އާދަން މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް ދެއްވަނެ ނެތް ކަމަށް ވިދާޅުވި އޭނާ ޝުއައިބަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ގާނޫނު އަސާސީން ބާރު ލިބިގެން ހަދާފައިވާ ޖޭއެސްސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ ކަނޑައެޅިގެން ހިލާފު ހުށަހެޅުމެއް ކަމަށްވުމުން އެ ހުށަހެޅުމަށް އިޖާބު ދެވެން ނެތް ކަމަށެވެ.
ޖޭއެސްސީގެ ރައީސާއި ނާއިބު ރައީސްގެ މަގާމު ހުސްވާނީ ދެމީހުންކުރެ މީހަކު އެމީހެއްގެ މަޤާމުން އިސްތިއުފާ ދިނުމުން ކަމަށް ސާފު ޞަރީޙަ ބަހުން ކަނޑައަޅައި ޖޭއެސްސީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އާދަމް މުހައްމަދުގެ ސިޓީފުޅުގައިވެ އެވެ.
އާދަމް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ އޭނާ އެ ކޮމިޝަންގެ ރައީސް ކަމުން ދުރުކުރުމަށް ޖޭއެސްސީގެ ހިންގާ ގަވާއިދު ބާރުލިބިދޭ ކަމަށެވެ. އަދި ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުން އާދަމް މުހައްމަދު ވަކިކުރަން ހުށަހެޅީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިންސާފުވެރިކަމާއި ހަމަހަމަކާމާ އެކު އާދަމް މުހައްމަދު މަސައްކަތް ނުކުރައްވާތީ ކަމަށް ވެސް ޖޭއެސްސީ ޢަށް އެ މައްސަލަ ހުށަހުމަށް ފަހު ޝުއައިބު ވަނީ ވިދާޅުވެފަ އެވެ.