ރާއްޖޭގެ ތަކެތީގެ އަގުތައް ބޮޑުވި މިންވަރު ޖުލައި މަހު 1.17 ޕަސެންޓަށް މައްޗަށް ޖެހި، މިދިޔަ އަހަރު ޖުލައި މަހުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ތިން ޕަސެންޓް މަތިވެފައިވާ ކަމަށް ޕްލޭނިން ޑިޕާޓްމަންޓުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޕްލޭނިން އިން މިއަދު އާންމުކޮށްފައިވާ، އިންފްލޭޝަންގެ މިންގަނޑު ވަޒަންކުރާ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހާ އަޅާކިޔާ އިރު ޖުލައި މަހުގެ އިންފްލޭޝަން ރޭޓް ވަނީ 1.17 ޕަސެންޓަށް އުފުލިފަ އެވެ. ޖޫން މަހު އިންފުލޭޝަން ހުރީ 0.27 ޕަސެންޓް ދަށުގަ އެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޖުލައި މަހުގެ ނިޔަލަށް ވޭތުވެ ދިޔަ 12 މަސް ދުވަހުގެ ތެރޭގައި އާންމު ކާބޯތަކެތީގެ ބައިން 5.76 ޕަސެންޓަށް ވަނީ އިންފްލޭޝަން އުފުލިފަ އެވެ. މިދިޔަ ޖުލައި މަހު އެކަނި ވެސް އެބައިން ވަނީ 2.72 ޕަސެންޓް މައްޗަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން ޖުލައި މަހު އަގުތައް މައްޗަށް ގޮސްފައިވާ ބާވަތްތަކަށް ބަލާ އިރު ފިޔާގެ އިންފުލޭޝަން 17.81 ޕަސެންޓް މަތިވެފައިވާ އިރު ކެރެޓްގެ ރޭޓް ވަނީ 51.93 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

ދެން އަގު އެންމެ މައްޗަށް ދިޔަ ބަޔަތަކަށް ބަލާއިރު ވޭތުވެ ދިޔަ އަހަރު ދުވަހުގެ ތެރޭގައި ހޮޓާކެފޭ ބައިން 14.62 ޕަސެންޓް އިންފުލޭޝަން މަތިވެފައިވާ އިރު ސިއްހީ ހިދުމަތުގެ ބައިން ވަނީ 8.27 ޕަސެންޓް މައްޗަށް ގޮސްފައެވެ. އަދި ތައުލީމީ ބައިން އިލްފުލޭޝަން ވަނީ 5.70 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މަހުގެ ބައިން ވަނީ 5.95 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

އަހަރު ދުވަހުގެ ތެރޭގައި އިންފުލޭޝަން ދަށަށް ގޮސްފައި ވަނީ ފަރުނީޗަރުގެ ބައިން 3.60 ޕަސެންޓް އާއި ދުންފަތާއި ދުމުގެ ބައިން 1.63 ޕަސެންޓް އެވެ.