ސްޓާ ސިނަމާ ކައިރީ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލި މައްސަލައާއި ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މިދިޔަ މެއި 17 ވަނަ ދުވަހުގެ އިރުއޮއްސި 6:28 ހާއިރު އުމުރުން 20 އަހަރުގެ ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން ދައުވާ ކުރަން ޕީޖީ ފޮނުވާފައިވަނީ ހ.ލޮބީ، މުޙައްމަދު ކިނާނަތު އަހުމަދު 28، އާއި މ.ނޫރުއްސަބާހު އަބުދުލްބާސިތު މުހައްމަދު 23، އާއި މ.ކޮޅުފުށި، ޒަހީރާމަންޒިލް، އަހުމަދު ޝިރުހާން ޝަމީމް 22، އަދި ކ.މާލެ، ދަފްތަރު، އަސްއަދު އިބްރާހީމް ރަޝީދު 18، ގެ މައްޗަށެވެ.

ފުލުހުން ބުނީ ތަހުގީގު ނިންމައި މިމަހުގެ 22 ވަނަ ދުވަހު ދައުވާ ކުރަން ޕީޖީ އަށް ފޮނުވި ހަތަރު މީހުންނަކީ ވެސް މީގެކުރިންވެސް މަސްތުވާތަކެއްޗާއި ފޭރުމާއި ވައްކަން އަދި ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމައްޗަށް ޖަމާޢަތް ހައިދެން ނިކުމެ މާރާމާރީ ހިންގުމުގެ މައްސަލަތަކުގައި ތަކުރާރުކޮށް ހައްޔަރު ކުރުމަށްފަހު ވެސް ކޯޓާ ހިސާބުން އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވެގެން ދޫކޮށްލާފައިވާ މީހުންނެވެ.