ޗެލްސީއަށް ބަދަލުވުމުގައި ގޮތެއް ނިންމުމަށްޓަކައި، މެންޗެސްޓާ ޔުނައިޓެޑްގެ އިންގްލެންޑް ފޯވާޑް ވޭން ރޫނީއަށް 48 ގަޑިއިރުގެ މުހުލަތެއް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ދީފި އެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ރޭ ޕްރިމިއަ ލީގުގައި ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ، އެމީހަކު ފެށިކަމެއް އެމީހަކު ނިންމުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ.

"އެ ވާހަކައެއް ފެށިމީހަކު ޖެހޭނެ އެ ވާހަކަ ނިންމަންވެސް. އެހެންވީމާ އެންމެނަށްވެސް ރަނގަޅުވާނީ އެވާހަކަ ވަކިގޮތަކަށް ނިންމާލިއްޔާ،" މޮރީނިއޯ ބުންޏެވެ. "ކޮންމެވެސް އެއްގޮތަކަށް، އޭނަ ހުންނަންބޭނުމިއްޔާ ހުންނާނީއޭ ނޫނީ ޔުނައިޓެޑުން ދާން ބޭނުމޭ ބުނަންވީ."

މޮރީނިއޯ ބުނީ، "ރޫނީއަށް ވަރަށް މުހިއްމު ފަރާގެއްގެ ކައިރީ އޭނާ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ވާހަކަ އަމިއްލައަށް ބުނެފައިވާއިރު" ޓްރާންފާގެ ކަންތަކުގައި ގޮތެއް ނިންމުން އެންމެ މުހިއްމީ ރޫނީ އަމިއްލައަށް ކަމަށާއި، ރޫނީ އެދޭގޮތް އޭނާ ފާޅުގައި ބުނަން އެބަ ޖެހޭ ކަމަށެވެ.

ރޫނީ ވިއްކާ ނުލާނޭ ކަމަށް ތަކުރާރުކޮށް ޔުނައިޓެޑުން ބުނަމުންދާއިރު، އޭނާ ނުލިބިއްޖެ ނަމަ، ރަޝާގެ އަންޒީ މަކަޝްކަލާގެ ކެމަރޫން ފޯވަޑް ސެމުއެލް އެޓޫ ގެނައުމަށް ކިހާ މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމާނަންތޯ ސުވާލުކުރުމުން، މޮރީނިއޯ ބުނީ "24 ގަޑިއިރު ނުވަނަ 48 ގަޑިއިރު" ކަމަށެވެ.

"އަހަރެން ކަހަލަ ކޯޗެއް، އަދި މިކަހަލަ ބޮޑު ކްލަބަކުން، ބޮޑު އެހެން ކްލަބަކުން ދޫކޮށް ނުލާނޭ ކަމަށް ބުނާ ކުޅުންތެރިއަކު ހޯދަން، ބޭކާރު މަސައްކަތެއް ކުރާކަށް އަހަރެމެންމީ މޮޔަ ބައެއް ނޫން،" މޮރީނިއޯ ބުންޏެވެ. "އޭނަ [ރޫނީ] އަމިއްލައަށް ޗެލްސީއަށް އަންނަން ބޭނުންވާ ވާހަކަ ނުދެއްކި ނަމަ އޭނާ ގެންނަށް މަސައްކަތް ކުރާކަށް އަހަރެމެންމީ އެހާ މޮޔަ ބައެއް ނޫން."

މޮރީނިއޯ ބުނީ ރޫނީއަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އަދި ރޭގެ މެޗުގައިވެސް އޭނާ މޮޅަށް ކުޅެ ލަނޑު ޖަހަންވެސް މަސައްކަތް ކުރި ކަމަށެވެ. އަދި މޮރީނިއޯވަނީ، ޔުނައިޓެޑްގެ ސަޕޯޓަރުން ރޫނީއަށް ދެމުން ދިޔަ ސަޕޯޓަށްވެސް ތައުރީފު ކޮށްފަ އެވެ.

ރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ބެންޗުގައި އިން އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ހުއާން މާޓާ ވިއްކާލަން އުޅޭކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައްވެސް މޮރީނިއޯ ވަނީ ދޮގު ކޮށްފަ އެވެ.

"އެއީ ޗެލްސީއަށް ވަރަށް މުހިއްމު ކުޅުންތެރިއެއް އަދި ފަތުރަމުން ގެންދާ ވާހަކަތަކަކީ ހުސް ދޮގު. ހުއާން މާޓާ އެއްވެސް ތާކަށް ނުދާނެ،" ޗެލްސީގެ ކޯޗު ބުންޏެވެ.