އަޅުގަނޑުމެންގެ ދަރިންގެ ތަރުބިއްޔަތާއި ތައުލީމު ބިނާވާންޖެހޭނީ ގައުމުގައި އުފެދޭ ވަރުގަދަ ޝަހްސިއްޔަތުތަކުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ތިނަދޫގެ ހަރުދަނާ ދަރިއެއް ކަމަށްވާ މަރްޙޫމް ޑރ. އަބްދުއްސަމަދު އަބްދުﷲގެ ޒިކުރާ އާކުރައްވަމުން ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން ސަމަދުގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާ ސުކޫތެއް ގެންނެވި އެވެ.

ރައީސް ވަހީދުގެ ވާހަކަފުޅުގައި ތިނަދޫ އުފެއްދި އެންމެ އަގުހުރި ދަރިންގެ ތެރެއިން މި ގައުމަށް އެންމެބޮޑު ހިދުމަތެއް ކޮށްދެއްވާފައި ވަނީ ޑރ. ސަމަދު ކަން ފާހަގަކުރެއްވި އެވެ.

"ޑރ. ސަމަދު އަށްޓަކައި އަޅުގަނޑުމެން ފަހުރުވެރިވޭ. އެމަނިކުފާނަކީ ނަމޫނާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ޑރ. ސަމަދަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ކަމުގައި ރައީސް ވިދާޅުވި އެވެ. ރާއްޖޭގައި އުފެދިގެން އައި ޕަބްލިކް ހެލްތު ސިސްޓަމް ބައްޓަން ކުރައްވައި ފަރުމާ ކުރެއްވުމުގައި، އެންމެ ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅަކީ އެމަނިކުފާނު ކަމަށް ދެންނެވުމަކީ، ކުށަކަށް ނުވާނޭ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ. އަދި އެއަށް ފަހު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގައި އެމަނިކުފާނު ކުރެއްވި ހިދުމަތްތަކުގެ މައްޗަށް ވެސް ރައީސް ވަހީދު ބައްލަވައިލެއްވި އެވެ.

އެއަށް ފަހު ރާއްޖެ ވަޑައިގެން ހާރިޖީ ވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ކުރެއްވި ހިދުމަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން، ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވައި، ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ނަމަކީ މިއަދުން ފެށިގެން [ޑރ. ސަމަދު މެމޯރިއަލް ހޮސްޕިޓަލް] ކަން އިއުލާނު ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2011 ވަނަ އަހަރާ އަޅާބަލާ އިރު، 2012 ވަނަ އަހަރު ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ނަތީޖާ ވަރަށް ބޮޑުތަން ރަނގަޅުވެފައިވާތީ، އެ ސްކޫލްގެ ޕްރިންސިޕަލަށާއި ޓީޗަރުންނަށާއި ދަރިވަރުންނަށާއި ޕީޓީއޭގެ ބޭފުޅުންނަށް މަރްޙަބާ ވިދާޅުވި އެވެ.

މިއަހަރުގެ ނަތީޖާ ކުރީ އަހަރަށް ވުރެ ރަނގަޅުވަމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އިންވެސްޓްމަންޓްތައް މި ކުރަނީ ކުދިންގެ މުސްތަގުބަލަށްޓަކައި އަދި ފުރިހަމަ ތައުލީމެއް ލިބިދިނުމަށްޓަކައި ކަމަށާއި އެގޮތުން މިއަދު މި އެޅުނީ ވަރަށް ބޮޑު އިންވެސްޓްމަންޓެއްގެ ބިންގާ ކަމުގައި ރައީސް ވިދާޅުވި އެވެ.