27 Aug 2013, 11:57
އިންތިހާބުތަކުގައި ސިޔާސީ ފަރާތްތަކުންވާ ވައުދުތަކަކީ ސިޔާސީ ވަޢުދުތަކެއް ކަމަށާއި އެ ވައުދުތައް ފުއްދާނެ ސިޔާސަތެއް ނެތީއްޔާ އެއްވެސް ވަޢުދަކީ ސައްހަ ވައުދެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެ އެވެ.
އެމްޑީޕީ ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ގާތަށް ގޮސް ތަފާތު އެކި ވައުދުތައް ވަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެއިން ވައުދެއް ފުއްދޭނެ ސިޔާސަތެއް ނެތް ނަމަ އެ ވައުދަކީ ސިޔާސީ ވައުދަކަށް ވެސް އަދި ތަންފީޒު ކުރެވޭނެ ވައުދެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ސިޔާސީ ވަޢުދަކީ ކަމެއް ކޮށްދޭން ބުނުމެއް ނޫން. ވަރަށް ގިނަ ސިޔާސީ ލީޑަރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަދި މި ފަހުން އައިސް ރިޔާސީ އިންތިހާބުގައި ވެސް ތިޔަ ބޭފުޅުންނަށް ދަނީ ވައުދު ވަމުން. އެކިއެކި ބާވަތް ބާވަތުގެ ކަންކަން ކޮށްދޭނެ ކަމަށް ވައުދު ވަމުން. މީގެން އެއްވެސް ކަމަކީ ހަގީގަތުގައި ސިޔާސަތެއް ކިޔައިނުދޭހާ ހިނދަކު އަދި އެ ސިޔާސަތެއް ތަންފީޒު ކުރާނޭ ގޮތް ސާފު ނުވާހާ ހިނދަކު އަދި ތަންފީޒު ކުރުމަށް ހިނގާނޭ ހަރަދު ނޭނގޭހާ ހިނދަކު އެއީ ސައްހަ ވަޢުދެއް ނޫން އެއީ ސިޔާސީ ވަޢުދެއް ވެސް ނޫން. ސިޔާސީ ވަޢުދަކީ ސިޔާސަތެއް ތަންފީޒް ކުރީމާވާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ވަޢުދުތަކަކީ ފުއްދޭނެ ވަޢުދުތަކެއް ކަމަށާއި އެމްޑީޕީން ވަޢުދު ވަނީ ސިޔާސަތަކާ އެކުގައި ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ކޮންމެ ވައުދެއްގެ ވެސް އަދި ކޮންމެ ސިޔާސަތެއް ވެސް ތަންފީޒު ކުރާނޭ ގޮތާއި ހިނގާނެ ހަރަދު ސާފުކޮށް އެނގެން ހުންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުރިއަށް މި އޮތް ފަސް އަހަރުގެ ދައުރުގައި އިރާދަ ކުރެއްވީއްޔާ ދައުލަތުގެ އާންމުދަނީގެ ގޮތުގައި 72 ބިލިޔަން ރުފިޔާ ސަރުކާރަށް ލިބިގެންދާނެ. އަދި އޭގެ ތެރެއިން 30 ބިލިޔަން ރުފިޔާ ހަރަދު ކުރާނީ ކުރިން ދެންނެވި 137 ޕްރޮޖެކްޓް ހިންގަން. އަދި 37 ބިލިޔަން ރުފިޔާ އިދާރީ ކަންކަމަށާއި އާންމު ހިންގުމަށް ހަރަދު ކުރެވޭނެ. އަދި 16 ބިލިޔަން ރުފިޔާ ދަރަނި އަދާ ކުރުމަށް ހަރަދު ކުރެވޭނެ." ނަޝީދު ވިދާޅުވި އެވެ.