27 Aug 2013, 11:45
މާލެއިން ފުރައިގެން 45 މީހުންނާ އެކު ށ. ނަރުދު އަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ހާލުގައި ޖެހުުމުން އެ ދޯންޏަކަށް އެމްއެމްޑީއެފްގެ ކޯސްޓްގާޑުން ސަލާމަތްކޮށްދީފި އެވެ.
އެމްއެންޑީއެފްގެ ޑިޕިއުޓީ ސްޕޯކްސް ޕާޝަން މޭޖާ ހުސެއިން އަލީ މިއަދު ވިދާޅުވީ "އަމާޒު ބޯޓް" ނަމަކަށް ކިޔާ ނަރުދޫ ދޯންޏެއް ރޭ 3:30 އެހާކަންހާއިރު ބަރަވެލި ކަނޑަށް އިންޖީނު ހުއްޓި، ހާލުގައިޖެހިގެން އުޅޭ ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުމުން އެމްއެންޑީއެފްގެ ނޮދަން އޭރިއާ ހާބާ ކްރާފްޓް ލޯންޗެއް ވަގުތުން އެ ސަރަޙައްދަށް ގޮސްފައިވާ ކަމަށެވެ.
"އެ ދޯނީގެ އިންޖީނު ހުއްޓެން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނެތް. ނަމަވެސް އެ ހާދިސާ ހިނގުމާ އެކު އެންއެންޑީއެފުން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައި،" ހުސެއިން އަލީ ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި އިރު އެދޯނީގައި ކުޑަކުދިންނާއި އަންހެނުންނާ އެކު 45 މީހުން ތިއްބެވެ. ނަމަވެސް ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އެ ހާދިސާގައި ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ރޭ ފަތިހު 5:30ގައި އެ ދޯނިން ދަތުރުކުރި ފަސް ކުޑަ ކުޑަކުދިންނާއި 13 އަންހެނުން އަދި ނުވަ ފިރިހެނަކު ވަނީ ޅ. ހިންނަވަރަށް ގެންގޮސްފަ އެވެ. އަދި އެ ރަށުގައި އުޅޭ ސިފައިންގެ އާއިލާއެއްގެ އެހީތެރިކަމާ އެކު އެމީހުނަަށް ހެނދުނު ނާސްތާ ހަމަޖައްސައިދީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ހުސެއިން އަލީ ވިދާޅުވި އެވެ.
އަމާޒު ބޯޓު އިންޖީނު ހުއްޓިގެން ދިމާވި އެ ހާދިސާގައި އެބޯޓު ކަފުޖަހައިހެން ޅ. ހިންނަވަރަށް ގެންދިއުމަށްޓަކައި ކުރެއްދޫ ރިސޯޓުން އުޅަނދެއް ހޯދައި ދިނުމުގައި ވެސް އެމްއެންޑީއެފް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.