27 Aug 2013, 11:36
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވާދަވެރި ޗެލްސީ ބައްދަލު ކުރި މެޗު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.
ގިނަބަޔަކު އެމެޗަކަށް އިންތިޒާރު ކުރަމުންދިޔަ މި މެޗަކީ، 2009 ވަނަ އަހަރުގެ ފަހުން ޕްރިމިއާ ލީގު މެޗެއްގައި ޔުނައިޓެޑް އެޓީމުގެ އަމިއްލަ ދަނޑުގައި ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެން ނިމުނު ފުރަތަމަ މެޗެވެ. އަދި ހަމަ އެހެންމެ ޔުނައިޓެޑް ގެ އާ ކޯޗް ޑޭވިޑް މޮއެސްގެ އިރުޝާދުގެ ދަށުން އެޓީމް އޯލްޑް ޓްރަފޮޑްގައި ކުޅުނު ފުރަތަމަ މެޗަށްވާއިރު ރޭގެ މެޗަކީ، ޗެލްސީގެ ކޯޗް ހޯސޭ މޮރީނިއޯ ދެވަނަ ފަހަރަށް ޓީމާ ހަވާލުވުމަށްފަހު، ޕްރިމިއާލީގުގައި ޖެހިޖެހިގެން ތިންވަން މޮޅަކަށްވެސް އުންމީދު ކުރިމެޗެވެ.
ރޭގެ މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ، ޔުނައިޓެޑްގެ އިންގްލެންޑް ފޯވާޑް ވޭން ރޫނީއަށެވެ. މުޅިމެޗުގައިވެސް އިދިކޮޅުޓީމަށް ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ ރޫނީއަށް، ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފަރާތުން މެދު ނުކެނޑި ސަޕޯޓް ކުރަމުންދިޔައިރު، މެޗުބަލަން އައިސްތިބި ޗެލްސީގެ ސަޕޯޓަރުންވެސް ވަނީ، އެޓީމާ ގުޅެން ތައްޔާރަށް ހުރި ރޫނީއަށް ސަޕޯޓްކޮށް ޝުއޫރު ފާޅުކޮށްފަ އެވެ.
ޔުނައިޓެޑާއި ޗެލްސީ ލަނޑެއް ނުޖެހި އެއްވަރުވީ އިރު، ޕްރިމިއާލީގުގައި މިދެ ޓީމުގައި މިހާރު ތިބި ކޯޗުންގެ ކުރިމަތި ލުމަށް ބަލާއިރު، މޮއެސްއަށް މޮރީނިއޯގެ މައްޗަށް އެންމެ ފަހަރަކުވެސް ކުރި ހޯދިފައެއް ނުވެ އެވެ. އެގޮތުން ހަތް މެޗުގެ ތެރެއިން ހަތަރު ފަހަރު މޮރީނިއޯގެ ޓީމް މެޗު ކާމިޔާބު ކޮށްފައިވާއިރު އަނެއް ތިންފަހަރު މެޗު ނިމިފައިވަނީ އެއްވަރު ވެގެންނެވެ.