ފައިސާގެ ތާށިކަމުގެ ސަބަބުން ކައުންސިލްގެ މަސައްކަތްތަކަށް ބުރޫ އަރާފައި ވާތީ ށ. ފޭދޫ ކައުންސިލް އިދާރާގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު އިހްތިޖާޖު ކުރަން ފަށައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލް މެންބަރު މަރިޔަމް ނުޒުލާ މިއަދު ވިދާޅުވީ މަސައްކަތް ހުއްޓާލުމަށް ފަހު އިހްތިޖާޖު ކުރަން ފެށީ މިއަދު ހެނދުނު 9:30ގައި ކަމަށެވެ.

ކައުންސިލަށް ބޭނުންވާ ފައިސާ ލިބެންދެން ކޮންމެ ދުވަހަކު ވެސް އިހްތިޖާޖު ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް މުވައްޒަފުން ބުނެފައިވާ ކަމަށް ވެސް ނުޒުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިސާ ނުދައްކައިގެން ކައުންސިލް އިދާރާގެ ފޯންލައިންތައް ކަނޑާލާފައި ހުންނަތާ ފަސް މަސް ވެފައިވާ ކަމަށެވެ.

ކައުންސިލް އިދާރާގެ ބޭނުމަށް ގަންނަ ތަކެއްޗަށް ދައްކަން ޖެހޭ ފައިސާ ޖަމާނުކުރާތާ ފަސް މަސް ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެކި ފިހާރަކުން ކްރެޑިޓަށް ނަގާފައިވާ ތަކެއްޗަށް ފައިސާ ދެއްކޭނެ ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ކައުންސިލް އިދާރާ އަށް ބޭނުންވާ ތަކެއްޗަކީ ގަތުމުގައި އަމަލު ކުރާ އުސޫލަކީ ކްރެޑިޓަށް ފިހާރަތަކުން އެތަކެތި ނަގަނީ. ދެން ފައިސާ ޖަމާ ކުރީމަ އެތަންތަނަށް ފައިސާ ދައްކާ އުސޫލެއް މި އޮންނަނީ. އެހެންމަވެސް ފަސް މަސް ދުވަސް ވެއްޖެ ކައުންސިލަށް ގަންނަ ތަކެއްޗަށް ދައްކަން ޖެހޭ ފައިސާ ޖަމާ ނުކުރާތާ،" ނުޒުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިސާ ނުދައްކާތީ ކައުންސިލް އިދާރާ އަށް ކްރެޑިޓަށް އެއްވެސް ފިހާރައަކުން ތަކެތި ދޫނުކުރާ ކަމަށާއި އެކަމުގެ ސަބަބުން އިދާރީ މަސައްކަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.

ރަށުތެރޭގައި ކުނިކެހުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްފައިވާ އިރު އެކަމަށް ދޭން ޖެހޭ ފައިސާ ނުދޭތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެފަރާތުން ކުނިކެހުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ވެސް ނުޒުލާ ވިދާޅުވި އެވެ.

"އެ ފަރާތުން މަސައްކަތް ހުއްޓާލުމުން ރަށުތެރެ ވަރަށް ބޮޑަށް ވަނީ ހަޑިވެފައި. ރަށުތެރޭގައި ކުނިކެހުމުގެ މަސައްކަތް ކޮންޓްރެކްޓު އުސޫލުން ހަވާލުކޮށްފައިވާ ފަރާތަށް ދޭން ޖެހޭ ފައިސާ ޖަމާނުކުރާތާ ތިން މަސް ދުވަސް ވެފައިވާތީ އެ ފައިސާ ދެވޭކަށް ނެތް،" ނުޒުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައި އޮންނަ ފަރާތުން އެކަން ހުއްޓާލިތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެ މަސައްކަތް ވެސް ހުއްޓާލާފައި ވަނީ ބަޖެޓު ނެތުމުން ފައިސާ ނުދޭތީ ކަމަށް ނުޒުލާ ވިދާޅުވި އެވެ.

އެ ރަށު ޕްރީސްކޫލް ޓީޗަރުންގެ މުސާރަ ޖަމާނުކުރާތާ ތިން މަސް ވެފައިވާ ކަމަށާއި މުސާރަ ނުލިބޭތީ ޓީޗަރުންގެ ފަރާތުން އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިދާގައި އިންޓަނެޓް ބޭނުންކުރަމުން ދަނީ މޮޑަމް ބޭނުންކޮށްގެން ކަމަށްވާތީ އެކަމަށް ޚަރަދުކުރަން ޖެހޭ ފައިސާ ބަޖެޓުގައި ނެތުމުން ކައުންސިލް އިދާރާގެ އިންޓަނެޓަށް ޚަރަދުކުރަނީ މުވައްޒަފުންގެ ޖީބުން ކަމަށް ވެސް ކައުންސިލަރު ނުޒުލާ ވިދާޅުވި އެވެ.