އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު ނުކުމެ އެ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވައި ހަޅުތާލު ކުރުމުން އެ ޑޮކްޓަރު ވަޒީފާ އިން ވަކިކޮށްފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ހިންގެވުމާ ހަވާލުވެ ހުންނެވި ޚަދީއްޖާ ހަފްސާ މިއަދު ސަން އަށް ވިދާޅުވީ އެ ހޮސްޕިޓަލުގައި މިވަގުތު ހުރި ހަމައެކަނި ހޭނައްތާ ޑޮކްޓަރު ވަޒީފާ އިން ވަކިކުރީ ހޮސްޕިޓަލުގެ މަސައްކަތްތައް ހުއްޓުވާއި އިތުރު ޑޮކްޓަރުން ބައިވެރިކޮށްގެން ހޮސްޕިޓަލު ތެރޭ ހަޅުތާލު ކުރުމާ ގުޅިގެން ކަމަށެވެ.

ހަފްސާ ވިދާޅުވީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ މަހުމޫދު ގައްޒާފީ ހަޅުތާލު ކުރީ ކޮންޓްރެކްޓް ހަމަނުވަނީސް ލީވް ސެލަރީ ހޯދުމަށް ކަމަށާއި ނަމަވެސް ގަވާއިދުގައިވާ ގޮތުން މަސައްކަތް ކުރާތާ އެއް އަހަރު ދުވަސް ނުވަނީސް ނަގާ ލީވްތަކަށް ލީވް ސެލަރީ ނުދޭ ކަމަށެވެ. އަދި އެކަން ޑޮކްޓަރަށް އެނގުމުން ވެސް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބައެއް ޑޮކްޓަރުންނަށް އޮޅުވާލައިގެން އެ ޑޮކްޓަރުން ލައްވައި ވެސް މުޒާހަރާ ކުރުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާތަ އެއް އަހަރު ހަމަވަނީ އަންނަ މަހުގެ ހަތަކަށް ކަމަށް ވެސް ހަފްސާ ވިދާޅުވި އެވެ.

ހަފްސާ ވިދާޅުވީ ޑޮކްޓަރުން މަސައްކަތް ހުއްޓާލުން ހޮސްޕިޓަލުގެ އޯޕީޑީ އިއްޔެ ހުއްޓުމަކަށް އައިސް ޕޭޝަންޓުންނަށް ފަރުވާ ނުދެވި ދިޔަ ކަމަށެވެ. ނަމަވެސް ފަހުން ޑޮކްޓަރުންނާ ބައްދަލުކޮށް ކަންވީ ގޮތް ކިޔައިދނުން ހަޅުތާލު ހުއްޓާލި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑޮކްޓަރުންނަށް ނުބައިކޮށް މައުލޫމާތު ދީގެން ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުން ލައްވާ ހަޅުތާލުކުރުވީ. ބައެއް މުވައްޒަގުންގެ އަތުގައި ހިފައި ނެރެންވެސް ނެރުނު. އަޅުގަނޑުމެން ޑޮކްޓަރުންނާ ބައްދަލުކޮށް ކަންވީގޮތް އޮޅުން ފިލުވައިދިނުމުން އެކަން ހުއްޓާލި." ހަފްސާ ވިދާޅުވި އެވެ.

ހަފްސާ ވިދާޅުވީ އަންނަ މަހުގެ ހަތަރެއްގައި ޔޫކޭގައި އޮންނަ އެގްޒާމަކަށް ޑޮކްޓަރު ރިޕޯޓުކުރަން ޖެހޭތީ އަންނަ މަހުގެ އެކަކުން ފެށިގެން ލީވްދޭ ގޮތަށް ނިންމާ އެކަން ޑޮކްޓަރަށް އަންގާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޑޮކްޓަރު އެގޮތަށް އަމަލު ކުރުމުން އިއްޔެ އެ ޑޮކްޓަރު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި ހޭނައްތާ އިތުރު ޑޮކްޓަރެއް މިމަހުގެ 30 ވަނަ ދުވަހަށް އެ ހޮސްޕިޓަލަށް ފޮނުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި އޭގެ ކުރިން އަންނަ އެމަޖެންސީ ކޭސްތައް ފޮނުވާނީ ފުވައްމުލަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.