27 Aug 2013, 11:18
ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުއްސަމަދު ޢަބްދުﷲ އަހަވާރަވުމާ ގުޅިގެން، އިންޑިއާ ސަރުކާރުން ތައުޒިއްޔާ ކިޔައިފި އެވެ.
ރާއްޖޭގައި ހުން އިންޑިއާ ހައި ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވާނީ، އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ޚޫރުޝިދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަނަށް ފޮނުއްވި ތައުޒިޔާގެ ސިޓީގައި، ޑރ. ސަމަދު އަކީ ހަމައެކަނި ޑިޕްލޮމޭޓެއް އަދި ސަރުކާރުގެ މަތީ ވެރިއެއް ނޫން ކަމަށާއި އޭގެ އިތުރުން އެ މަނިކުފާނަކީ ޚޫރުޝިދުގެ ގާތް އެކުވެރިއެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ޑރ. ސަމަދު ރާއްޖޭގެ ޚާރިޖިއްޔާގައި ހުންނަވައިގެން އިންޑިއާ ސަރުކާރާ ގުޅިވަޑައިގެން ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ވެފައިވާ ކަމަށާއި އަދި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގައި އެމަނިކުފާނު މަސައްކަތްކުރެއްވި ދުވަސްވަރު ދިއްލީގައި ހުންނަވައިގެން އިންޑިއާގެ ސިއްހީ ދާއިރާ ތަރައްގީ ކުރެއްވުމަށް ކޮށްދެއްވި މަސައްކަތްޕުޅުތައް އިންޑިއާ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް ވެސް އިންޑިއާ ސަރުކާރުގެ މެސެޖްގައިވެ އެވެ.
ޚޫރުޝިދު ފޮނުންވި ސިޓީފުޅުގައި އިތުރަށް ވިދާޅުވެފައި ވަނީ، ޑރ. ސަމަދު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާއަށާއި ރަހްމަތްތެރިންނަށާއި އަދި ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ މި ފުން ހިތާމައިގައި އިންޑިއާ ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނު ބައިވެރިވެ ވަޑައިގެން ހަމްދަރުދީ ފޮނުއްވާ ކަމަށެވެ.