27 Aug 2013, 10:55
ވޮޝިންޓަން (އޮގަސްޓް 27): ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމީ އިންކާރުކުރެވެންނެތް ޙަގީގަތެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަންގައި ވާހަކަ ދައްކަވަމުން ކެރީ ވިދާޅުވީ ދިމިޝްޤުގެ ރަށްފުށުގެ ހިސާބުތަކަށް ކެމިކަލް ހަތިޔާރުން ޙަމަލާދިންކަން މިހާރު ކަށަވަރުވެފައިވާ ކަމަށާ މިޙަމަލާ ދިނީ ސޫރިޔާ ސަރުކާރު ސިފައިންކަން ވެސް އެއީ ޙަޤީޤަތެއް ކަމުގަ އެވެ. މިކަމަށް ޢަސްކަރީ ގޮތުން ރައްދު ދިނުމާބެހޭ ގޮތުން ރައީސް އޮބާމާ އޭނާގެ މުސްތަޝާރުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ކެރީ ވިދާޅުވި އެވެ. ކެމިކަލް ހަތިޔާރުން އިންސާނުން ޙަމަލާދިނުމަކީ އިންސާނީ އަދި ބައިނަލްއަޤްވާމީ ޒަމީރަށް ގޮންޖެހުން ކަމަށާ މިއީ އިންސާނުންނާ ދެކޮޅަށް ހިންގޭނެ އެންމެ އަނިޔާވެރި އަދި ލާއިންސާނީ ޖަރީމާ ކަމަށް ވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ސިފަކުރެއްވި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު އިންސާނުންނާ ދެކޮޅަށް އެންމެ ފުރަތަމަ ނިއުކްލިޔާ ހަތިޔާރު ބޭނުންކޮށް އެއްފަހަރާ އެތައް ލައްކަ ބަޔަކު މަރާފައި ވަނީ ވެސް އެމެރިކާ އިން ނެވެ. އަދި ވިއެޓްނާމް ހަނގުރާމައިގާ ވިއެޓްނާމްގެ އާންމުންނާ ދެކޮޅަށް ވެސް ކެމިކަލް ހަތިޔާރު ބޭނުންކޮށް އެތައް ބަޔަކު މަރާފައިވަނީ ވެސް އެމެރިކާ ސިފައިންނެވެ. އަދި ދުނިޔޭގައި ފަނާކުރަނިވި ހަތިޔާރުގެ ޓެކްނޮލޮޖީ އެންމެ ބޮޑަށް ތަރައްޤީކޮށް ފަނާކުރަނިވި ހަތިޔާރު ދޫކޮށްލުމަށް އެންމެ ބޮޑަށް ދެކޮޅު ހަދަމުން ގެންދާ ގައުމަކީ ވެސް އެމެރިކާ އެވެ. މީގެއިތުރުން ޢިރާޤުގައި ވެސް އެމެރިކާ ސިފައިން ވަނީ ޑިޕްލޭޓެޑް ޔޫރޭނިޔަމް ބޭނުންކޮށްގެންނާއި ވައިޓް ފޮސްފެރަސް ބޮން ބޭނުންކޮށްގެން ޢިރާޤުގެ ރައްޔިތުންނަށް އެތަށް ޙަމަލާތަކެއް ދީފަ އެވެ.
ދިމިޝްޤުގެ ރަށްފުށުގެ ޣޫތާ ސަރަހައްދަށް ކެމިކަލް ހަތިޔާރުން ދިން ޙަމަލާގައި 1300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިޙަމަލާދިނީ ކޮންފަރާތަކުންކަން ތަޙްޤީޤްތަކުން އެނގިފައިނުވި ނަމަވެސް މިފަދަ ޙަމަލާއެއް ދިނުމުގެ ޤާބިލްކަން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށްވުރެ ބޮޑަށް ލިބިފައި ވަނީ ސޫރިޔާ ސަރުކާރުގެ ސިފައިންގެ ލަޝްކަރު ތަކަށް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. މި މައްސަލަ ތަޙްޤީޤް ކުރުމުގެ މަސައްކަތް އދ.ގެ ޓީމަކުން ވަނީ ފަށާފަ އެވެ.
އަނެއްކޮޅުން ކެމިކަލް ޙަމަލާގެ މައްސަލަ ތަޙްޤީޤް ކުރާ އދ.ގެ ޓީމަށް ދިމިޝްޤުގެ ކައިރިން ދިން ޙަމަލާ އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންވަނީ ކުށްވެރިކުރައްވާފަ އެވެ. މިޙަމަލާ ދީފައިވަނީ ގޮތްނޭންގެ ބަޔަކު އދ.ގެ ޓީމު ދަތުރުކުރި ކާރުތަކުގެ ތެރޭން ކާރަކަށް ކަމަށާ މިޙަމަލާގައި މީހަކަށް ގެއްލުމެއް ނުލިބޭކަމަށް ޚަބަރު ލިބެ އެވެ.
ސޫރިޔާ އިން ވަނީ ކެމިކަލް ހަތިޔާރުގެ މައްސަލަ ބަހަނާއަކަށް ހަދައިގެން އެގައުމަށް ޙަމަލާދިނުމަށް އެމެރިކާ ތައްޔާރު ވަމުންދާ ކަމަށް ތުހުމަތުކޮށް ފައެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ވަނީ އެމެރިކާ ސޫރިޔާ އަށް ދޭ ކޮންމެ ޙަމަލާއެއް ނާކާމިޔާބު ވެގެންދާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ރަޝިޔާއިން ވަނީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޗާޓަރުން ބޭރު ނުވުމަށް އެމެރިކާއަށް އިންޒާރުކޮށްފަ އެވެ. ގައުމަކަށް އިސްވެ ޙަމަލާދެވޭނީ ހަމަލާދޭން ޖެހޭ ފަދަ ކަމެއް ސާބިތުވެގެން އދ.ގެ ސަލާމަތީ މަޖިލީހުން ހުއްދަ ލިބިގެން ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވި އެވެ. ނަމަވެސް ސޫރިޔާ އަށް ޙަމަލާ ދޭ ފަރާތްތަކާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ނުފަށާނެ ކަމަށް ލާވްރޯވް ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)