27 Aug 2013, 10:51
އިސްލާމް އާބާދު (އޮގަސްޓް 27): ތާލިބާން ޖަމާއަތާ ސުލްޙަ ޤާއިމްކޮށްގެން މެނުވީ އަފްޣާނިސްތާނަށް ސުލްޙަ ނުގެނެވޭނެ ކަމަށާ މިކަމުގައި ޕާކިސްތާނުގެ އެހީތެރިކަމަށް ގޮވާލައި އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ވާހަކަ ދައްކަވައިފި އެވެ.
ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އެގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ބައްދަލުކުރެއްވުމަށް ފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ކަރުޒާއި ވިދާޅުވީ ތާލިބާން ޖަމާއަތާ ސުލްޙަ ޤާއިމްކޮށްގެން މެނުވީ އަފްޣާނިސްތާނަށް ސުލްޙަ ނުގެނެވޭނެކަން ޕާކިސްތާނުގެ މަސްއޫލުވެރިން ވެސް ގަބޫލު ކުރައްވާ ކަމަށާ މިކަމަށް އެބޭފުޅުން ހިއްވަރު ދެއްވާ ކަމުގަ އެވެ. އަދި މިކަމުގައި ޕާކިސްތާނުގެ އެހީތެރިކަމަށް އޭނާ އެދިވަޑައިގަތުމުން ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފު އެދެވޭ ޖަވާބެއް ދެއްވާފައިވާ ކަމަށް ވެސް ކަރުޒާއި ވިދާޅުވި އެވެ.
ކަރުޒާއި ވިދާޅުވީ ތާލިބާނުންނާ އަފްޣާން ސަރުކާރާ ދެމެދު ސުލްޙައިގެ ވާހަކަތައް ފެށުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ކާމިޔާބު ވެފައިނުވާ ކަމަށާ ނަމަވެސް މިކަމުގެ ތެރެއަށް ޕާކިސްތާން ވަދެއްޖެ ނަމަ މިކަން ކާމިޔާބު ކުރެވިދާނެ ކަމުގަ އެވެ. ކަރުޒާއި ވިދާޅުވީ ތާލިބާނުންނާ ސުލްޙައިގެ ވާހަކަތައް ދެއްކުމަށް ސުލްޙައާ ބެހޭ މަތީ މަޖިލީހެއް އުފައްދާފައިވާނެ ކަމަށާ އެމަޖިލީހާއި ތާލިބާން ޖަމާއަތާ ދެމެދު ސުލްޙައިގެ ވާހަކަތައް ފެށުމަށް ޕާކިސްތާނަށް އެތަށް ކަމެއް ކުރެވިދާނެ ކަމުގަ އެވެ.
މި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފު ވެސް ވަނީ ތާލިބާނުންނާ ސުލްޙަ ޤާއިމްކޮށްގެން މެނުވީ އަފްޣާނިސްތާނަށް ސުލްޙަ ނުގެނެވޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމް ކުރެވުމަކީ ޕާކިސްތާނުގެ ގައުމީ ސަލާމަތަށް ވެސް މުހިއްމު ކަމެއްކަމަށް ވިދާޅުވެ މިކަމުގައި ކޮށްދެވެން ހުރި ހުރިހާ ކަމެއް ޕާކިސްތާނުން ކޮށްދޭނެ ކަމަށް ނަވާޒް ޝަރީފު ވިދާޅުވި އެވެ. އަފްޣާނިސްތާނުގައި ސިޔާސީ ގޮތުންނާއި ހަތިޔާރުގެ ގޮތުން ބާރުގަދަ ޖަމާއަތެއް ކަމަށްވާ ތާލިބާނުންނާ ސުލްޙައިގެ ވާހަކަތައް ދެއްކުމަށް އެމެރިކާ ކުރި މަސައްކަތްތައް ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ. ތާލިބާނުންނާ ސުލްޙަވުމަށް އެމެރިކާ އާއި އަފްޣާން ސަރުކާރުން މަސައްކަތް ފަށާފައި ވަނީ ހަނގުރާމަކޮށްގެން ތާލިބާނުން ބަލިކުރުމަށް މިދެފަރާތުން ކުރި ހުރިހާ މަސައްކަތްތަކެއް ނާކާމިޔާބު ވުމުންނެވެ.
ތާލިބާނުންނާ ދެކޮޅަށް އެމެރިކާ ހަނގުރާމަ ކުރަމުން ގެންދާތާ 12 އަހަރު ވެފައިވާއިރު ތާލިބާނުންގެ ބަލިކޮށް އެމީހުންގެ ސަފުތައް ރޫޅާލުމުގައި އެމެރިކާއާއި އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ އަފްޣާން ސަރުކާރުވަނީ ނުކުޅެދިފަ އެވެ. (ނޫސްއެޖެންސީތައް)