ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމް ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ 800 މިލިޔަން ޑޮލަރުގެ ތެލު "ވަގު" ވިޔަފާރީގެ މައްސަލާގެ ތަހުގީގު ކުރުން ރައީސް ނަޝީދުގެ ސަރުކާރުގައި ހުއްޓާލީ ދައުލަތުގެ ހުރިހާ ކަމެއް "އަތަށް ގޮވާފާނެތީ" ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަކީ މުޅި ދައުލަތް ވެއްޓޭވަރު ކަމެއް ކަމަށް ޔާމިން ވިދާޅުވެއްޖެ އެވެ.

މައްޗަންގޯޅި ސަރަހަރާގެ ހުޅަނގު ދެކުނު ފަރާތުގައި ރޭ ޕީޕީއެމްގެ ޖަގަހައެއް ހުޅުވި ހަފްލާގައި 800 މިލިއަން ޑޮލަރުގެ ވިޔަފާރީގެ ވާހަކަ ޔާމީން ދައްކާފައި ވަނީ ޓީވީއެމް އިން ގެނެސްދިން ނައިބް ރައީސުންގެ ބަހުސްގައި ޖުމްހޫރީ ގުޅުމުގެ ރަނިންމޭޓް ޑރ. ހަސަން ސައިދު ޔާމިނަށް އެ މައްސަލާގައި ފާޑުވިދާޅުވުމުން އެކަމަށް ރައްދުދެއްވަ އެވެ. އެސްޓީއޯ އާއި ޔާމިން ހަވާލުވެވަޑައިގެން ހުންނެވި އިރު، އެސްޓީއޯ ސިންގަޕޫރުގެ ކުންފުންޏެއް މެދުވެރިކޮށް ބަރުމާއަށް ވަގަށް ތެޔޮ ވިއްކި ކަމަށް ބުނެ، ޔާމިންގެ މައްޗަށް ކުރާ 800 މިލިއަން ޑޮލަރުގެ ތަހުގީގު ހުއްޓާލީ ރައީސް ވަހީދުގެ ސަރުކާރުގައި ކަމަށް ޑރ. ހަސަން ރޭ ވިދާޅުވުމުން ޔާމިން ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުން ހުއްޓާލީ ނަޝީދުވެ ވެރިކަމުގައި ކަމަށެވެ.

ޔާމިން ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ތަހުގީގު ސިންގަޕޫރުގައި ހިންގަން ފެށުމުން އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެން ލީގަލް އެޑްވައިޒަރުންގެ ލޯ ފާމަކުން ލަފާ ހޯދެއްވި ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުން އެމައްސަލަ ހުއްޓާލީ ސާބިތު ނުހިފޭ ކަމެއްގެ މައްޗަށް ބިނާކޮށް ހިންގާ އެ ތަހުގީގަކުން ވެދާނެ ގޮތަކުން ކަމަށް ވިދާޅުވި އެވެ.

"މިމައްސާލާގައި ޔާމިން ސިންގަޕޫރް ކޯޓަށް ގޮސްފިއްޔާ ހަމަ ދައުލަތުގެ ހުރިހާ ކަންކަމެއް ރައީސް ނަޝީދުގެ އަތްޕުޅަށް ގޮވާނެ. މުޅި ދައުލަތް ވެއްޓޭވަރު ކަމެއް އެއީ،" ޔާމިން ރޭ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ މައްސަލާގައި ރައީސް އޮފީހުން އެންމެ ސީޓީއެއް ވެސް ސިންގަޕޫރަށް ތައްގަނޑު ޖަހައިގެން ފޮނުވައިފައި ނުވާ ކަމަށެވެ. އަދި އެފަދައިން ކަންތަށް އެ ކުރެއްވީ ތައްގަނޑު ޖަހާފައި ނުފޮނުވާހާ ހިނދަކު އެ ބޭފުޅުންގެ މައްޗަށް ޔާމީން އަށް ދައުވާ ނުކުރެވޭނެ ތީވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމިން އިތުރަށް ވިދާޅުވީ ބައެއް ބޭފުޅުން މިހާރު ރައްޔިތުންގެ ހިތްތަކާއި ކުޅެލުމަށް ފައިސާ އާއި މުދަލުގެ ބޭނުން ކުރަމުންދާ ކަމަށެވެ. ޖުމްހޫރީ ޕާޓީން ވިލާ ފައުންޑޭޝަންގެ ނަމުގައި ރައްޔިތުން ނަށް އެކި ކަހަލަ އަގު ހުރި މުދާ ދެމުންދާ ކަމަށް ޔާމިން ވިދާޅުވި އެވެ. އަދި އެފަދަ އެއްޗެއްސަކީ ހަމައެކަނި ރިޔާސީ އިންތިންހާބު ކާމިޔާބުވުމުން ދޭންޖަހޭ އެއްޗެއް ނޫން ކަމަށާއި އިހްލާސްތެރިކާ އެކު އެފަދަ ކަންތައް ކުރަންޏާ ރިޔާސީ އިންތިހާބުގެ ނަތީޖާގެ ފަހުން ހަދިޔާ ބެހުމަށް ޔާމީން ގޮވާލެއްވި އެވެ.

ޔާމީންގެ މައްޗަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ މައްސަލާގައި ހަގީގަތެއްވޭތޯ ބެލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 21.9 މިލިއަން ރުފިޔާ ހަރަދު ކުުރި ކަމަށް އޯޑިޓް ރިޕޯޓްތަކުން ދައްކަ އެވެ. ނަމަވެސް އެ މަސައްކަތް ހުއްޓާލުމާ ހަމައަށް ވެސް، އެއިން އެއްްވެސް ކަމެއްގެ "ކުލޫއެއް" ވެސް ފެނިފައެއް ނުވެ އެވެ.