އިސްލާމީ ޝަރީއަތުގައިވާ، މަރަށް މަރު ހިފުން ފަދަ ހުކުމްތައް ތަންފީޒު ކުރުމަށް ޓަކައި ހައްލު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިން މޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޓީވީ މޯލްޑިވްސް އިން ރޭ ގެނެސްދިން "ނައިބު ރައީސުންގެ ބަހުސް" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަސްމީނު ވިދާޅުވީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަދާ ކުރެވެން އޮންނަ ދައުރު ޑރ. ވަހީދުގެ ސަރުކާރަކުން އަދާ ކުރާނެ ކަމަށެވެ.

ޕްރޮގްރާމްގައި ސުވާލަކީ "މުޖުތަމައުގެ އަމާން ކަމާއި ރައްކާތެރި ކަމަށް ޓަކައި އިސްލާމީ ޝަރީއަތުގެ ބޮޑެތި ހުކުމްތައް، މިސާލަކަށް ވަށްކަން ކުރާ މީހާގެ އަތް ކެނޑުން، މަރަށް މަރު ހިފުން އަދި ޤިޞާސްގެ ހުކުމްތައް ތަންފީޒު ކުރުމަށް ރައްޔިތުން ހަމަ ތަކުރާރުކޮށް ކެނޑި ނޭޅި މިދަނީ އެދެމުން، އެހެން ނަމަވެސް އެކަން އެގޮތަށް ތަންފީޒު ކުރުމަށް ހުރަހަކަށް ވަނީ ކޮން ކަހަލަ ކަންތައްތަކެއްތޯ؟" އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ތަސްމީނު ވިދާޅުވީ ވަކި ކުރެވިފައިވާ ދައުލަތުގެ ތިންބާރު އެކުގައި މަސައްކަތް ކުރުމުގައި މައްސަލަތައް ހުރިކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށެވެ.
".. ބާރުތައް ވަކިކުރެވިފައިވާ ނިޒާމުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމަކީ، ހަމަ އެހެންމެ ކުރެވޭ ހުކުމްތައް ތަންފީޒު ކުރުމުގައި ދައުލަތް ހިންގުމުގެ ބާރަކީ ވެސް މުސްތަގިއްލު ބާރެއް، މިކަމާ ބެހޭ ގާނޫނުތައް ހަދާ ބާރަކީ މުސްތަގިއްލު ބާރެއް، އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ، މިހުރިހާ ބާރުތައް އެކީގައި މަސައްކަތް ކުރުމުގައި ، އަޅުގަނޑުމެންގެ މިނިޒާމުގެ ޅަފަތުގައި މައްސަލަތައް އެބަހުރި ކަމަށް،" ތަސްމީނު ވިދާޅުވި އެވެ.

އިސްލާމީ ޝަރީއަތުގައިވާ ގޮތަށް މަރުގެ އަދަބު ތަންފީޒުކުރުމަށް ގޮވާލައި ފަހަކަށް އައިސް ބައެއް މުޒާހަރާތައް ވެސް ރާއްޖޭގައި ކޮށްފައިވެ އެވެ.