27 Aug 2013, 09:59
ރާއްޖޭގައި އިސްލާމީ ޝަރީއަތް ހިނގާނީ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތައް ހައްލު ކުރެވިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.
ޓީވީއެމާއި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ރޭ ބޭއްވި ރަނިންމޭޓުންގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޑރ. މުސްތަފާ ވިދާޅުވީ ރާއްޖޭއަކީ އިސްލާމީ ގައުމަކަށްވާ އިރު އިސްލާމީ ޝަރީއަތް ހިންގަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނުގައި އެގޮތަށް ބުނެފައި އޮތް ނަމަވެސް ރާއްޖޭގެ އަދުލުއިންސާފު ގާއިމް ކުރުމުގެ ބާރުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެވޭ ދުވަހަކުން ނޫނީ އިސްލާމީ ޝަރީއަތް ރާއްޖޭގައި ނުހިނގާނެ ކަމަށެވެ.
"ދިވެހިރާއްޖެއަކީ އިސްލާމީ ގައުމެއް. އެހެންވީމާ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތް ހިންގަން ދިވެހިރާއްޖޭގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކޮށްފައި އެބައޮތް. ސުވާލަކީ ކީއްވެގެންހެއްޔޭ އެކަން ނުހިނގަނީ. އަޅުގަނޑުމެން ދެކޭގޮތުގައި ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމުގައި ދިވެހި ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމްގައި ވަރަށް ބޮޑެތި މައްސަލަ އެބަހުރި. އެ މައްސަލަތައް ހަލު ކުރެވޭ ދުވަހަކުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އިސްލާމީ ޝަރީއަތް ހިނގާނެ،" ޑރ. މުސްފަތާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތައް އަޅުގަނޑުމެންނަށް ފެނިގެންދާ ކަމަށާއި ޝަރުއީ ނިޒާމުގެ ކަންކަން ހިނގަނީ އިންސާފުވެރިކޮށް ކަން ރައްޔިތުންނަށް ގަބޫލު ކުރެވެން ޖެހޭ ކަމަށެވެ.
ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހުމުން އެމީހުންނަށް ބޮޑެތި އަދަބުތައް ދިނުމުގެ ބަދަލުގައި އެމީހުންނަށް ރިހެބިލިޓޭޝަން ފަރުވާދީ ދެވަނަ ފުރުސަތެއް ދިނުމަށް އެމްޑީޕީގެ ވެރިކަމެއްގައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ޒުވާނުންނަށް މަސްތުވާތަކެތީގައި ޖެހި އެމީހުންނަށް ގޮތް ހުސްވީމާ އަޅުގަނޑުމެން އެމީހުންނަށް ބޮޑެތި ވެގެންވާ އަދަބު ދިނުމުގެ ބަދަލުގައި ފުލުހުން ބާރުވެރިކޮށް ފުލުހުންގެ މުއައްސަސާ ވަރުގަދަ ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން މަސައްކަތް ކުރާނަން ޒުވާނުންނަށް ރިހެބިލިޓޭޝަން ސެންޓަރުތައް ވަރުގަދަކޮށް ޒުވާނުންނަށް ދެވަނަ ފުރުސަތެއް ދީ އެމީހުންނަށް އެކަމުން ސަލާމަތް ވެވޭނެ ގޮތްތަށް ހަމަޖައްސައި ދިނުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ޑރ. މުސްތަފާ ވިދާޅުވ އެވެ.
އެމްޑީޕީގެ ވެރިކަމެއްގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބޮޑެތި އަދަބު ނުދޭނެ ކަމަށް ޑރ. މުސްތަފާ ވިދާޅުވާ އިރު މިހާރު އަމަލު ކުރަމުންގެންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ފަހު ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމައުއަށް އައުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ އެއްގޮތަށް އަމަލުކުރަން ފެށުމާ އެކު ޑްރަގް ކޯޓުގެ ނަމުގައި ކޯޓެއް އުފެދި މަސްތުވާތަކެތި ބޭނުންކުރާ މީހުން ޖަލަށް ލުމުގެ ބަދަލުގައި އެމީހުންނަށް ފަރުވާދިނުމަށް ފަހު މުޖުތަމައުއަށް ދޫކޮށްލަ އެވެ. އެ މަސައްކަތް މިހާރު ވަނީ އަމަލީގޮތުން ފަށައިފަ އެވެ.
މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން ބޮޑު އަދަބު ލިބެނީ މަސްތުވާތަކެތިން މުއާމަލާތް ކުރާ މީހުންނާއި އެތަކެތި ޓްރެފިކް ކުރުމުގެ އިތުރުން ރާއްޖެ އެތެރެކުރާ މީހުންނެވެ. އެގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ބައެއް މީހުންނާއި އެތަކެތި އެތެރެކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވި މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެ އެވެ.
މިހާރު އަމަލު ކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިފަހުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ކުށުގެ ދައުވާ އުފުލި އެންމެންގެ މައްޗަށް ވަނީ އެކުށް ސާބިތުވެފަ އެވެ.