27 Aug 2013, 09:51
އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރުގެ ހުކުމް އިއްވައި މީހުންގެ މައްޗަށް އެ އަދަބު ތަންފީޒު ކުރުމުގައި އޮތް ހުރަހަކީ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތައް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމްބީސީގެ ޓީވީއެމުން ރޭ ގެނެސްދިން "ނައިބު ރައީސުންގެ ބަހުސް"ގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ ޅަފަތުގައި އޮތް ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކަކީ ހުރަހެއް ކަމަށެވެ. ނަމަވެސް ސުވާލަށް ޖަވާބު ދެއްވަން ފައްޓަވަމުން ޖަމީލު ފުރަތަމަ ވިދާޅުވީ އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"މުޖުތަމައުގެ އަމާން ކަމާއި ރައްކާތެރި ކަމަށް ޓަކައި އިސްލާމީ ޝަރީއަތުގެ ބޮޑެތި ހުކުމްތައް، މިސާލަކަށް ވަށްކަން ކުރާ މީހާގެ އަތް ކެނޑުން، މަރަށް މަރު ހިފުން އަދި ޤިޞާސްގެ ހުކުމްތައް ތަންފީޒު ކުރުމަށް ރައްޔިތުން ހަމަ ތަކުރާރުކޮށް ކެނޑި ނޭޅި މިދަނީ އެދެމުން، އެހެން ނަމަވެސް އެކަން އެގޮތަށް ތަންފީޒު ކުރުމަށް ހުރަހަކަށް ވަނީ ކޮން ކަހަލަ ކަންތައްތަކެއްތޯ؟" ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ހަތަރު ބޭފުޅުންނަށް އިސްލާމީ ޝަރީއަތާ ބެހޭ ގޮތުން ކުރި ސުވާލަކީ މިއެވެ.
"ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތާ އަދި މި މަރުގެ ހުކުމްތައް ތަންފީޒު ކުރުމުގައި އެއްވެސް ހުރަހެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން، އެނގިވަޑައިގަންނަވާނެ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ވަރަށް ސާފުކޮށް، އިސްލާމީ ޝަރީއަތަކީ ދިވެހި ރާއްޖޭގެ ގާނޫނުގެ މަސްދަރު ކަމަށް ކަނޑައަޅާފައި އެބަވޭ،" އެސުވާލަށް ޖަވާބު ދެއްވަން ފަށްޓަވަމުން ޑރ. ޖަމީލު ފުރަތަމަ ވިދާޅުވި އެވެ.
ނަމަވެސް އެއާ ވިދިގެން އޭނާ ވިދާޅުވީ "މިކަން ތަންފީޒު ކުރުމަށް ދިމާވާ ހުރަސްތައް ނައްތާލާނީ ކިހިނެތްތޯ، ކޮބައިތޯ ހުރަސްތަކަކީ؟" މިއީ އޮތް ސުވާލެއް ކަމަށެވެ. އަދި ވިދާޅުވީ ޅަފަތުގައި އޮތް ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކަކީ ހައްލުކުރަން ޖެހޭ މައްސަލަތަކެއް ކަމަށެވެ.
".. ދެން އޮތް ސުވާލަކީ މިކަން ތަންފީޒު ކުރުމަށް ދިމާވާ ހުރަސްތައް ނައްތާލާނީ ކިހިނެތްތޯ؟ ކޮބައިތޯ ހުރަސްތަކަކީ، އެގޮތަށް ބަލާނަމަ އަޅުގަނޑުމެންގެ ޅަފަތުގައި އޮތް ޝަރުއީ ނިޒާމުގެ މައްސަލަތަކަކީ އަޅުގަނޑުމެން ހައްލު ކުރަން ޖެހޭ މައްސަލަތަކެއް،" ޖަމީލު ވިދާޅުވި އެވެ.
އެއަށް ފަހު އެފަދަ ބައެއް މައްސަލަތައް ޖަމީލު ފާހަގަ ކުރެއްވި އެވެ. އެގޮތުން ރާއްޖޭގައި މިހާރު އޮތް ޖިނާއީ އިޖުރާތާއި ޖިނާއީ އަދުލުގެ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.
އިސްލާމީ ޝަރީއަތުގައި ވާ ގޮތަށް މަރުގެ އަދަބު ތަންފީޒުކުރުމަށް ގޮވާލައި ފަހަކަށް އައިސް ބައެއް މުޒާހަރާތައް ވެސް ރާއްޖޭގައި ކޮށްފައިވެ އެވެ.