27 Aug 2013, 09:42
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ދަންޖައްސަން ޖެހިއްޖެ ނަމަ ޖުމްހޫރީ ކޯލިޝަންގެ ވެރިކަމެއްގައި އެކަން ކުރާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
ޓީވީއެމާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ރޭ ބޭއްވި ރަނިންމޭޓުންގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޑރ. ހަސަން ސައީދު ވިދާޅުވީ ޖުމްހޫރީ ކޯލިޝަންގެ ވެރިކަމެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ގާނޫނުގައި އޮންނަ އެންމެ ހަރުކަށި އަބަދު ދޭނެ ކަމަށެވެ.
"މަސްތުވާތަކެތީގައި ވިޔަފާރި ކުރާ މީހުންނަށް ގާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބު ދިނުން. ދަންޖައްސަން ޖެހުނީމާ އެކަން ވެސް އަޅުގަނޑުމެން ކުރާނަން އިރާދަ ކުރެއްވިއްޔާ،" ޑރ. ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ރާއްޖޭގައި އެކުލަވާލާފައިވާ ނިޒާމަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅަށް ހިނގާ އެއް ނިޒާމަށް ހަދާނެ ކަމަށެވެ. އެކަން ކުރުމަށްޓަކައި ޖުމްހޫރީ ކޯލިޝަންގެ ވެރިކަމެއްގައި ކޮންމެ ހޭދައެއް ކުރާނެ ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.
ޖުމްހޫރީ ކޯލިޝަންގެ ސަރުކާރެއްގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް ފަހު މުޖުތަމައުގައި ބޭނުންހިފޭ ބަޔަކަށް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.