ސިޔާސީ ބޭބޭފުޅުން ކުރިން ހިފައި ހައްޔަރު ކުރާ ވާހަކަ އެންމެ ބޮޑަށް ދެއްކެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ފެހި ގާނޫނު އަސާސީގެ ދަށުން ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދު ވިދާޅުވީ "މައުމޫންގެ ސަރުކާރުގައި 27 ފަހަރު [އެމަނިކުފާނު] ހައްޔަރުކޮށްފައިވާ،" ކަމަށެވެ.

ހުދުމުހުތާރު ވެރިކަމެއްގައި މީހުން ހިފާ ހައްޔަރު ކުރަނީ ވަރަށް ބޮޑަށް ގޮއްމުށުގެ ބާރު ބޭނުންކޮށްގެން ކަމަށާއި އެއީ މުލައްދަނޑީގެ ބާރުގައި ކުރާ ކަމެއް ކަމުގައިވާ އިރު އެ ކަމަށް އިންކާރުކުރެވެން ނޯންނަ ކަމަށް ޓީވީއެމްގެ ސިޔާސަތު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ވިދާޅުވި އެވެ. ރައީސް މައުމޫންގެ ސަރުކާރުގައި ނަޝީދު ހިފާ ހައްޔަރުކުރި އެއްވެސް ފަހަަރެއްގައި ކޯޓު ވޮރަންޓެއް ކޯޓު އޯޑަރެއް އަދި ހައްޔަރުކުރެވޭ ސަބަބެއް ނާންގާ ކަމަށް ނަޝީދު ގެންދަވަނީ ވިދާޅުވަމުން އެވެ.

ނަމަވެސް ނަޝީގެ ވެރިކަމެއްގައި މީހުން ހިފާ ހައްޔަރުކުރުމުގެ އުސޫލުތައް ތަފާތު ކަމުގައި ނަޝީދު ވިދާޅުވާ އިރު ނަޝީދު ސަރުކާރުގައި ސިޔާސީ ބޭފުޅުން ހިފާ ހައްޔަރުމުގައި އަމަލް ކުރަމުން އައި ގޮތާ މެދު ސުވާލު އުފެދޭ އެތައް ކަމެއް ވަނީ ހިނގައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުންގެ ބައެއް މެމްބަރުންނަށް އެ މަޖިލީހުގެ ދެ މެމްބަރަކު ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތުގައި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހައްޔަރުކުރި އެވެ. ނަމަވެސް ކޯޓުން އެބޭފުން ބަންދުން ވީއްލި އެވެ.

މަޖިލީހުގެ މެމްބަރުން ތަކެއްގެ އޯޑިއޯ ކްލިޕެއް ލީކްވި މައްސަލައަކާ ގުޅިގެން ރައްޔިތުން މަޖިލީހުން ކޮރޮޕްޝަން ނައްތާލުމަށް ގޮވާލައި އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއް ކުރަން ފެށި އެވެ. އެ ހިސާބުން ފެށިގެން އުފެދިގެން އައި ސިޔާސީ ހަމަނުޖެހުންތަކަށް ފަހު، ދެން ފެނިގެން ދިޔައީ ހިމާޔަތްދޭނެ ކަމަށް ބުނެ ޔާމީން ހައްޔަރުކޮށްގެން ސިފައިންގެ ބެލުމުގެ ދަށުގައި އާ ރަށަށް ގެންދިޔަތަނެވެ. ނަޝީދު އެ ވިދާޅުވި އެއްވެސް ވޯރަންޓެއް ނެރެގެނެއް ނޫނެވެ. އެހެން ކަމުގައިވާ އިރު ޔާމީން ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ ފުލުހުންގެ އިދާރާ އިން ހޯދަންޖެހޭ ކޯޓު އަމުރުތައް ހޯދައިގެން ކަމަށް ބުނެ އެވާހަކަތައް ބަދަލު ކުރުމަށް މަސައްކަތް ކުރެއްވިދާނެ ކަމާމެދު އެތައް ބަޔަކު ސުވާލު އުފައްދަ އެވެ.

ޔާމީން ހައްޔަރުކޮށްގެން އާ ރަށުގައި ބަހައްޓާފައި ހުރި މުއްދަތުގައި ސިފައިންގެ މައްޗަށް އެތައް ފަހަރެއްގެ މަތިން ކޯޓުތަކުން ނެރުނު އަމުރަށް ބީރު ކަންފަތެއް ސިފައިންނާއި ސަރުކާރުންދީފައިވާ އިރު ސިފައިންގެ އެންމެ އިސްވެރިއަކަށް ނަޝީދު ހުންނަވައި ކޯޓުތަކުގެ އަމުރުތަކަށް ބޯލަބާފައި ނުވަނީވެސް ޑިމޮކްރެޓިކް ވެރި ކަމެއްގަ އެވެ.

ޔާމީންގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ނިޒާމުން ގެއްލުވާލީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިޔަސް ނަޝީދު އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަ އެވެ.

ސިޔާސީ ބޭފުޅުން ހައްޔަރުކުރަނީ ސުލްހަވެރި ހަރަކާތްތަކެއް ހިންގައިގެން ނޫން ކަމަށާއި ކޮންމެ ސަރުކާރެއްގައި ވެސް ސިޔާސީ ބޭފުޅުން ހައްޔަރުކުރަންޖެހޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރަނީ ފުލުހުން އެ އޮންނަ އުސޫލެއްގެ ތެރެއިން ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު ސިފައިންގެ ޓޭންކްކަރުގައި ނުކުމެ ޔާމީން ހައްޔަރުކޮށްގެން ގެންގޮސް ވަނީ ކީއްވެގެންތޯ އެއީ ސުވާލެކެވެ.

ޔާމީން ހައްޔަރުކުރި މައްސަލާގައި އަމަލުކޮށްފައި ވަނީ ފުލުހުން އޭރު ހިންގަމުން ގެންދިޔަ ތަހުގީގުތަކާ ގުޅިގެން އޭރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު ފަސީހު އަމަލް ކުރެއްވީ އެބާވަތުގެ ކަންތަކުގައި އަމަލް ކުރަން އޮންނަ އުސޫލުތަކުގެ މަތިން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ކޮރަޕްޝާންގެ މައްސަލާގައި ޔާމީން ދެވަނަ ފަހަރަށް ހައްޔަރުކުރީ ހިމާޔަތްދޭން ކަމަށް ބުނެ ސިފައިން ނުކުމެ ކަން މިއީ އޮޅިގެންވާ ކަމެއް ނޫންނެވެ.

ފަސީހުގެ އެއްބަނޑު އެއްބަފާ ދައްތަ އައިޝަތު ފާތިނާ ވިދާޅުވީ ސިޔާސީ ބޭފުޅެއް ހައްޔަރުކުރެއްވުމަކީ ޕޮލިހުން ވޯރަންޓް ހޯދައިގެން ޕޮލިހުން ކުރި ކަމެއް ކަމަށް ވިދާޅުވެ، ކުށުން ރެކެވަޑައިގެންނެވުމުގެ ފުރުސަތު އޮއްވާ އޭގަ ބަދަލުގައި އެކަން ކުރީ ޕޮލިސް ކޮމިޝަނަރު ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަތައް ދެއްކެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

"ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އެނގޭކަން ކަމުގައި ކުށުން ރެކިވަޑައިގަތުމަށް އެކަން ނުދެނެ ހުރި މީހެއްގެ ބޮލުގައި އެކަން އެޅުއްވުމަކީ ވަރަށް ދެރަ ކަމެއް. އާއްމު ފަރުދެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑު އިލްތިމާސްކުރަން އެކުށް އެހެން މީހެއްގެ ބޮލުގައި ނޭޅުވުމަށް،" ފާތިން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ބޭފުޅުން ހިފާ ހައްޔަރުކުރާ ކޮންމެ ފަހަރަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި ސުޕްރީމް ކޯޓުގެ އިތުރުން ބައިނަލް އަގުވާމީ މުޖުތަމައުތަކުން ވެސް އެ ބޭފުޅުން ދޫކޮށްލުމަށް ވަނީ ގޮވާލައިފަ އެވެ. ސިޔާސީ ބޭފުޅުން ގާނޫނާ ހިލާފަށް ހައްޔަރު ނުކުރާ ކަމަށް ނަޝީދު "ވިދާޅުވާ ނަމަ" ތިރީސް އަހަރުގައި ހިނގައި ދިޔަ ކަންތައްތައް ރައީސް މައުމޫންގެ އިސްތަށިފުޅުގައި އެޅެންވީ ސަބަބެއް އެބަ އޮތްތޯ އެވެ.