އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސިވިލް ސާވިސް މުވައްޒަފުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ އޮތީ ބޮޑުކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އަންނަ އަހަރު ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރާނެ ކަމުގެ އިޝާރާތެއް ކުރީގެ ރޭޑިއޯ ތަގުރީރެއްގައި ރައީސް ދެއްވި ނަމަވެސް، މިއީ އަންނަ އަހަރުގެ ބަޖެޓުގައި ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އޮތީ ކުރިން އެ މީހުންނަށް ލިބެމުން އައި މިންވަރަށް އިއާދަކޮށްފައިކަން ރައީސް ނަޝީދު ރަސްމީކޮށް ކަށަވަރުކޮށްދެއްވި ފުރަތަމަ ފަހަރެވެ.


މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސިވިލް ސާވަންޓުންގެ މުސާރަ 15-10 ދެމެދުގެ އަދަދަކަށް އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ 20 ޕަސަންޓުން ސަރުކާރުން ކުޑަކޮށްފައިވަނީ ތިން މަސް ދުވަސް ފަހުން އަލުން އަނބުރާ ކުރިން ހުރި މިންވަރަށް ރުޖޫއަ ކުރާނެ ކަމަށް ބުނެ އެވެ. ނަމަވެސް، މުސާރަ އެންމެ ފަހުން ބޮޑު މިކުރަނީ އެކަން ކުރާނެ ކަމަށް ސަރުކާރުން ބުނިތާ އަހަރެއް ފަހުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާވާ ދުވަސްވަރެވެ.


ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، މުސާރަތައް ބޮޑުވެގެން އަންނަ އިރު ސިޔާސީ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ މުސާރައާއި އިނާޔަތްތައް ވެސް ކުރިން ހުރި މިންވަރަށް އަނބުރާ ރުޖޫއަ ކުރެވޭނެ ކަމަށެވެ. ސިޔާސީ މަގާމުތަކުގެ ޖުމްލަ މުސާރައަށް މަހެއްގެ މައްޗަށް 10 މިލަން ރުފިޔާ ވެސް ނުދާ ކަމަށާއި އެއީ ބަޖެޓާ ގުޅޭ ގޮތުން ވާހަކަދައްކަވާއިރު ފާހަގަކުރެވޭ އަދަދެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. ސިޔާސީ ގޮތުން ފުރައްސާރަ ކުރުމުގެ ގޮތުން އެ ވާހަކަ ދެއްކި ނަމަވެސް ބަޖެޓު ގުޅޭ ގޮތުން ވާހަކަދައްކާއިރު ބަލަންވާނީ ބޮޑެތި ބަޖެޓު އައިޓަމް ތަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


ރައީސް އިތުރަށް ވިދާޅުވީ، 2011 ވަނަ އަހަރުގެ ބަޖެޓު އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު މައި ސަރުކާރުން ހިންގާ ކަންތައްތަކަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު ކުޑަވާނެ ކަމަށާއި ބޮޑު އަދަދުތައް ކަނޑައަޅާފައިވަނީ އަތޮޅު ކައުންސިލްތަކުން ހިންގާ ޕްރޮގްރާމް ތަކަށް ކަމަށެވެ.