26 Aug 2013, 21:34
ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ފުރާވަޑައިގެންފި އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިގެން ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ޑރ. ވަހީދު ގދ.ގެ ރަށްތަކަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ގދ. ތިނަދު އަށް މިރޭ ވަޑައިގަތުމަށް ފަހު މާދާމާރޭ ގއ. ވިލިނގިއްޔަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ކެމްޕެއިން ދަތުރެއްގައި ވަޑައިގެންނެވި ނަމަވެސް ސަރުކާރުގެ މަޝްރޫއުތައް ހިނގަމުންދާ ގޮތް ބައްލަވާނެ ކަމަށާއި އެގޮތުން ތިނަދޫގެ ނަރުދަމާގެ މަޝްރޫއު އާއި ކުއްޑޫގެ މަސައްކަތްތަށް ހިނގަމުންދާގޮތް ބައްލަވާނެ ކަމުގަ އެވެ.
ހަމަ އެހެންމެ ރައީސް ވިދާޅުވީ އިންތިހާބުގެ ކުރިން ވެސް "ވަރަށް ގިނަ ރަށްތަކެއްގައި އެކި މަޝްރޫއުތައް ފެށުމަށް ހަމަ ޖެހިފައިވާ ކަމަށާއި ނަމަވެސް މި ވަގުތު އެ މަޝްރޫއުތަކުގެ ތަފްސީލު ދެއްވެން ނެތް ކަމަށެވެ.
އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވާ މުހައްމަދު ފަހުމީ ހަސަން އެކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި އަދި ވެސް ދެމިހުންނެވުމާ ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ރައީސް މިއަދު ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ވެސް އެމަނިކުފާނު ވިދާޅުވެފައި ވަނީ އެކަމާ ގުޅޭ ގޮތުން "ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ގޮތެއް ނިންމަވާނެ" ކަމަށެވެ.