ތ. ތިމަރަފުށީގައި އަލަށް ހަދާ އެއާޕޯޓް އަންނަ މަހުގެ ދެވަނަ ދުވަހު ރަސްމީކޮށް ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ސަންއާ ވާހަކަ ދައްކަވަމުން މިރޭ ވިދާޅުވީ އެ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.

ތިމަރަފުށީގައި ހަދާ އެއާޕޯޓް ރަސްމީކޮށް ހުޅުވައި ދެއްވާނީ ރައީސް މުހައްމަދު ވަހީދެވެ.

"އަޅުގަނޑުމެން ކުރިން މަސައްކަތްކުރަމުން ދިޔައީ އިއްޔެގެ ނިޔަލަށް ހުރިހާ ކަމެއް ނިންމަން. މިހާރު ވެސް އެތަނުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތައް ހުރީ ނިމިފައި. ބާކީ ހުރި މަސައްކަތްތައް ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި ހަދާ އެއާޕޯޓަށް މަތިންދާބޯޓު ޖައްސަން ފަށާނީ ސިވިލްއޭވިއޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަކުރުމަށް ފަހު ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސް އިން ކުރިން ބުނެފައި ވަނީ ތިމަރަފުށީގައި ހަދާ އެއާޕޯޓު ހުޅުވުމަށް ވަގުތީ ޓާމިނަލެއް ހަދާ ނިމިފައިވާ ކަމަށެވެ. އަދި ފެންސް ޖެހުމުގެ މަސައްކަތް ނިމެމުން އަންނަ ކަމަށް އެ އޮފީހުން ބުންޏެވެ.