ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކޮންމެ އަހަރަކު ދޭ "މުދައްރިސުންގެ އެވޯޑް" އަށް ކުރިމަތި ލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.

ތައުލީމާ ބެހޭ ވުޒާރާއިން ބުނީ، އެ އެވޯޑުތަކަކީ ދިވެހިރާއްޖޭގެ ސުކޫލުތަކުގައި މަސައްކަތްކުރާ މުދައްރިސުންނާއި ސުކޫލުތަކުގެ ވެރިން އަދި އެހެނިހެން މުވައްޒަފުން ކޮށްދެއްވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ މިނިސްޓްރީން ދޭ ހާއްސަ އެވޯޑްތަކެއް ކަމަށެވެ.

މުޖުތަމައުގެ މޫނުބަލާ ލޯގަނޑަކީ ސްކޫލްތައް ކަމަށްވާ ހިނދު، އެތަންތަނަކީ ވަރަށް ހަރުދަނާ ތަނަކަށް ވާންޖެހޭ ކަމަށާއި އަދި އެތަނުގެ އެންމެހާ މުވައްޒަފުންގެ އެހީތެރިކަން އެތަނަށް ބޭނުންވާ އިރު މުދައްރިސުންގެ ނަމުގައި ދެވޭ އެވޯޑުތައް ބަހާލެވިފައި ވާނީ ސްކޫލާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއްގެ ހިދުމަތުގެ އަގުވެސް ވަޒަން ކުރެވޭ ގޮތަށް ކަމަށް ތައުލީމާ ބެހޭ ވުޒާރާ އިން ބުންޏެވެ.

ސްކޫލްތަކުގައި މައްސަކަތް ކުރައްވާ ފަރާތްތަށް ތަފާތު 11 ދާއިރާ އަކަށް ބަހާލައިގެން އެފަރާތްތަކުގެ ހުނަރުތައް ފާހަގަކުރުމަށް ދެވޭ 11 އެވޯޑަކީ އަމިއްލަ ބައެއް ވިޔަފާރިކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ކުރިއަށް ގެންދާ އެވޯޑެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ އެވޯޑަށް ދެ ކެޓަގަރީއެއް އިތުރު ކޮށްފައިވެ އެވެ. އެއީ، ޑެޕިއުޓީ ޕްރިންސިޕަލް އޮފް ދަ އިޔާ އެވޯޑާއި، ޕްރީސްކޫލް ހެޑް ޓީޗާ އޮފް ދަ އިޔާ އެވޯޑެވެ.

މިފަހަރުގެ "މުދައްރިސުންގެ އެވޯޑް"އަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާއިރު، ތައުލީމާ ބެހޭ ވުޒާރާއިން ބުނީ، ނަން ހުށަހެޅުމަށް ބޭނުންވާ ނޮމިނޭޝަން ފޯމް، އެ ވުޒާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި އަދި އެ ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެންވެސް ހުންނާނޭ ކަމަށެވެ.

މިއަހަރު އެވޯޑު ލިބޭ ފަރާތްތައް އިއުލާނު ކުރާނީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.