ލޭ އެޅުމަށް ކްރޮސްމެޗް ހަދަން އައިޖީއެމްޗްގައި ބޭނުން ކުރާ ޓެސްޓް ކިޓްތަކުގެ މުއްދަތު ހަމަވެގެން ކްރޮސް މެޗް ހެދުމަށް އޭޑިކޭއަށް ރޭ މީހުން ފޮނުވައިފި އެވެ.


މާލޭ ހެލްތު ސާވިސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޒުބޭރު މުހައްމަދު ވިދާޅުވީ ލޭ އަޅަން ހަދަންޖެހޭ ކްރޮސްމެޗް ހެދުން އައިޖީއެމްއެޗުގައި ރޭ އިރާކޮޅުން ފެށިގެން ހުއްޓައިލި ކަމަށެވެ.


އޭނާ ވިދާޅުވީ އެ ހިދުމަތް ރޭ ހުއްޓައިލީ ކުރިންސުރެ އެކަމަށް ބޭނުން ކުރަމުން އައި ޓެސްޓް ކިޓްތަކުގެ މުއްދަތު ހަމަވެފައި ހުރުމުން ސަލާމަތީ ފިޔަވަޅެއް އަޅައި ރަނގަޅު ކިޓް އައިޖީއެމްއެޗަށް ސަޕްލައި ކުރާނެ ވަގުތު ދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ ރޭ އިރާކޮޅުން ފެށިގެން ހުއްޓައިލި ނަމަވެސް އަލުން އެ ހޮސްޕިޓަލަށް ކިޓް ސަޕްލައި ކުރެވި ހިދުމަތް ދެވޭ ހަލާތަށް މިހާރު ގެނެވިފައިވާ ކަމަށެވެ.


"ސަލަމާތީ ފިޔަވަޅެއް އެޅުމުގެ ގޮތުން ހުއްޓާލާފައި، ލޭ އަޅަން ކްރޮސްމެޗް ހަދަންޖެހޭ މީހުން އަޅުގަނޑުމެން ފޮނުވީ އޭޑީކޭއަށް އެކަން ކުރީ އަޅުގަނޑުމެން އެކަމުގައި ސާމިލުވާ ގޮތަށް،" ޒުބައިރު ވިދާޅުވި އެވެ.


‹ސަން އޮންލައިނަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެފައި ވަނީ އޭޑީކޭއަށް 110ރ. ދައްކަން ޖެހުނު ކަމަށާއި ރިޕޯޓް ނަގަން އޭޑީކޭއަށް ދާންޖެހުނީ ވެސް އަމިއްލައަށް ކަމަށް›


އޭނާ ވިދާޅުވީ ކްރޮސްމެޗް ހަދަން އޭޑީކޭއަށް މާ ގިނަ ފަރާތްތަކެއް ރޭ ފޮނުވާފައި ނުވާނެ ކަމަށެވެ. ފޮނުވި މީހުން ވެސް ފޮނުވާފައި ވަނީ އައިޖޭއެމްއެޗުގެ ހަރަދުގައި ޓްރާންސްޕޯޓް ހަމަޖައްސައި  އައިޖީއެމްއެޗުން ހުރިހާ ހަރަދެއްގެ ޒިންމާވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ޒުބައިރު އެހެން ވިދާޅުވި  ނަމަވެސް ސަން އޮންލައިނަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެފައި ވަނީ އޭޑީކޭއަށް 110ރ. ދައްކަން ޖެހުނު ކަމަށާއި ރިޕޯޓް ނަގަން އޭޑީކޭއަށް ދާންޖެހުނީ ވެސް އަމިއްލައަށް ކަމަށެވެ.