26 Aug 2013, 15:59
ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަން "ބްލޫ ވޭވް"ގައި ފުލުހުން އަދާ ކުރާ ދައުރު މޮނިޓާ ކުރުމަށް ކޮމެންވެލްތުގެ ތަޖުރިބާކާރު ބޭފުޅެއް ރާއްޖެ ވަޑައިގެންފި އެވެ.
އޮޕަރޭޝަން "ބްލޫ ވޭވް"ގައި ފުލުހުން އަދާ ކުރާ ދައުރު މޮނިޓާކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮމެންވެލްތުގެ ފަރާތުން ރާއްޖެ އައިސްފައި ވަނީ މރ. އެލްޑްރެޑް ޑީ ކްލާކް އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒްގެ އެދިވަޑައިގަތުމަކަށް މރ. އެލްޑްރެޑް ޑީ ކްލާކް ރާއްޖެ ވަޑައިގެންފައި ވަނީ، އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ޕްރޮފެޝަނަލްކޮށް ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަޤުސަދުގައި ފުލުހުންނަށް ފަންނީ ލަފާ ދެއްވުމަށެވެ.
މރ. އެލްޑްރެޑް ފުލުހުންގެ ތެރޭގައި މަސައްކަތްކުރައްވާ އިރު މައިގަނޑު ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެއްވާނީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ އޮޕަރޭޝަނަލް ސްޓްރެޓެޖީސްތައް ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތަށް ބައްޓަން ކުރުމާއި ފުލުހުންނަށް ބޭނުންވާ އެހެނިހެން ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން މރ. އެލްޑްރެޑް ފުލުހުންގެ ތެރޭގައި މަސައްކަތްކުރައްވާއިރު މާލޭގެ އިތުރުން އަތޮޅުތަކަށް ޒިޔާރަތްކޮށް އެތަންތަނުގައި ފުލުހުން ހަރަކާތްތެރިވާ ގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެ އެވެ.
މރ. އެލްޑްރެޑް ޑީ ކްލާކް ރާއްޖެވަޑައިގެން އިއްޔެ ވަނީ ކޮމިޝަނާ އޮފް ޕޮލިސްއާ ބައްދަލުކުރައްވާފަ އެވެ. ފުލުހުން ބުނީ އިއްޔެ މެންދުރު ފަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގައި އޮތް ބައްދަލުވުމުގައި އޮޕަރޭޝަންސް ބްލޫވޭވްސް އަށް ފުލުހުން ވެފައިވާ ތައްޔާރީތަކުގެ މަޢުލޫމާތު ކްލާކާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
މރ. އެލްޑްރެޑް އަކީ ކޮންފްލިކްޓް އެނަލިސިސް އެންޑް ރިޒޮލިއުޝަންގައި ތަޖުރިބާކާރު އަދި ދުނިޔޭގެ އެކި ޤައުމުތަކުގައި ފަންނީ ލަފާ ދެއްވުމުގައި ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އެގޮތުން ސްރީލަންކަން ނޮންވައިލެންޓް ޕީސް ފޯސްގެ މެމްބަރެއްގެ ގޮތުންނާއި ވެސްޓާން ކޭޕް ޕްރޮވިންޝަލް ގަވަމެންޓްގައި ވެސް ކޮންފްލިކްޓް މެނޭޖްކުރުމަށް އެޑްވައިޒަރެއްގެ ދައުރު އަދާކުރުމުގެ އިތުރުން ވެސް އޮސްޓްރޭލިއަން ޕީސް ރިސާޗް ސެންޓަރުގައާއި ނެދަލޭންޑްސްގެ ޔުނިވަސިޓީ އޮފް ދަ ހޭގްގެ ސެކިއުރިޓީ މެނޭޖްމަންޓް ޕްރޮގްރާމުގައި ވެސް ލެކްޗާ ކުރައްވާފައިވާ މިދާއިރާ އިން ވަރަށް ފުންނާބު އުސް ބޭފުޅެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.