މިއަހަރުގެ މިހާތަނަށް ވެހިކަލް ގެއްލިގެން 572 މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ ވެހިކަލް ގެއްލިގެން ހުށަހަޅާ މައްސަލައަކީ އެންމެ ގިނައިން މިހާރު ފުލުހުންނަށް ރިޕޯޓް ކުރެވޭ އެއް މައްސަލަ ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބުތައްދައްކާ ގޮތުން 2011 ވަނަ އަހަރު ދުއްވާ އެއްޗެތި ވަގަށް ނެގުމުގެ 1،316 މައްސަލައެއް ހުށަހެޅިފައިވާއިރު 2012 ވަނަ އަހަރު ދުއްވާ އެއްޗެހި ވަގަށް ނެގުމުގެ 1،888 މައްސަލަ ހުށަހަޅާފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް ދުއްވާ އެއްޗެހި ވަގަށް ނެގުމުގެ 572 މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

"މީގެ ތެރެއިން ގިނައީ ސައިކަލުގެ ވަގަށްނެގުމުގެ މައްސަލަތަކެވެ. މި ތަފާސް ހިސާބުތަކަށް ބަލާލުމުންވެސް ސައިކަލް ވަގަށް ނެގުމުގެ މައްސަލައަކީ އަޅާ ނުލައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫންކަން ވަރަށް ސާފުކޮށް އެބައެނގެއެވެ،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ ބޮޑު އަގުދީފައި ގަނެފައި ހުންނަ ސައިކަލް ވަގަށް ނެގުން ހުއްޓުވުމަށްޓަކައި އެތަކެތީގެ ވެރިފަރާތަށް ނުވަތަ އެތަކެތި ދުއްވާ ފަރާތްތަކަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ.

"ކިތަންމެ އަވަހަށް ތަނަކަށް ގޮސް ސައިކަލު ޕާކު ކުރަންޖެހުނަސް ޕާކްކުރުމަށްފަހު ހުންގާނު ރަގަޅަށް ތަޅުލުމާއި ކީ ހޯލް ލޮކް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއާއެކު ސައިކަލް ރަނގަޅަށް ތަޅު ލެވުނުތޯ އާއި ކީ ހޯލް ލޮކް ކުރެވުނުތޯ ޔަގީންކުރުމަކީ ކުރެވިދާނެ ކަމެކެވެ. ސައިކަލް ވަގަށް ނަގައިގެން ފުލުހުންނަށް ހުށަހެޅޭ ގިނަ މައްސަލަތަކުގެ ތަފްޞީލަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކުރެވެނީ މިފަދަ ކަންކަން ފަރުވާ ކުޑަވެގެން ވަގަށް ގެންގޮސްފައި ހުންނަކަމެވެ،" ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

"ވަގުންގެ ކިބައިން އަޅުގަނޑުމެންގެ ސައިކަލުތައް ރައްކާތެރި ކުރުމަށްޓަކައި، އިތުރަށް ކުރެވިދާނެ ކަމެއް ކަމަށް އަޅުގަނޑަށް ފެންނަ ކަމަކީ ސައިކަލްގައި ޑިސްކް ތަޅެއް އެޅުވުމެވެ. ނުވަތަ ސައިކަލުގައި އެލާމް ސިސްޓަމެއް ހަރުކުރުމެވެ. މި ދެ ކަމަކީ ވަރަށް ކުޑަ ހޭދައެއް ކޮށްގެން އަޅުގަނޑުމެންގެ އަގު ބޮޑު މުދަލެއް ވަގުންގެ ކިބައިން ސަލާމަތްކުރުމަށް ކުރެވިދާނެކަމެކެވެ."

ފުލުހުން ބުނީ ވައްކަން މަދުކުރުމަށްޓަކައި، ފުލުހުންނާއި ރައްޔިތުން ގުޅިގެން ތަފާތު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެކި އުކުޅުތައް ބޭނުންކޮށްގެން ވައްކަން ކުރާ މީހުންގެ އުދަގޫ ކުޑަނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

"ތެދުތެދަށް ބުނާނަމަ އެފަދަ މީހުންގެ އުނދަގޫ ދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންނެވެ. އެހެންކަމުން، މިފަދަ ވައްކަންތައް މަދުކުރުމަށްޓަކައި އާންމުން ރައްޔިތެއްގެ ހައިސިއްޔަތުންނާއި މުދަލުގެ ވެރިފަރާތުގެ ހައިސިއްޔަތުން މިހާރަށްވުރެ ޒިންމާދާރު ދައުރެއް އަދާކުރުން މުހިއްމެވެ،" އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.