26 Aug 2013, 14:20
ގައިންގަޔަށް އަރާ ބަލިތަކާއި ބެހޭ ތަފާސް ހިސާބުތައް އެއްކުރުމުގެ ގައުމީ ނިޒާމް ތަރައްގީ ކުރުމަށް 390،210 ޑޮލަރުގެ ހިލޭ އެހީ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އެންޓްލާންޓާއިން ދިނުމަށް ނިންމައިފި އެވެ.
ހެލްތް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަރިދަފުސް ރޯގާ އާއި އިންފުއެންޖާ ފަދަ ގައިންގަޔަށް އަރާ ބަލިތަކާއި ބެހޭ ތަފާސް ހިސާބުތައް އެއްކުރުމުގެ ގައުމީ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މާލީ އެހީތެރިކަން ހޯދުމަށް ސީޑީސީއަށް ހުށަހެޅި ކަމަށެވެ. އަދި އެ އެޖެންސީން ހުށަހެޅި ޕްރޮޕޯޝަލް ކާމިޔާބުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާ އެކު ތައްޔާރުކޮށްފައިވާ މި ޕްރޮޖެކްޓްގެ ދަށުން ލިބޭ ފައިސާ ދިނުމަށް ހަމަޖައްސާފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށް ބަހަލައިގެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދިވެހި ރާއްޖޭން ހުށެހެޅި ޕްރޮޕޯޝަލްގައި 15 އަމާޒެއް ހާސިލް ކުރުމަށް އެއްބަސްވެފައިވެ އެވެ. އޭގެ ތެރޭގައި ގައުމީ އިންފްލުއެންޖާ ސާވޭލަންސް ނިޒާމުގެ ދިރާސާއެއް ހެދުމަށް ފަހު އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންކަން ދެނެގަތުމާއި ޕްރޮޖެކްޓްގެ ފުރަތަމަ އަހަރުގެ ތެރޭގައި، ގައުމީ އިންފްލުއެންޒާ ނިޒާމުގެ ދިރާސާގެ މައްޗަށް ތަންފީޒީ ޕްލޭނެއް އެކުލަވާލުން ހިމެނެ އެވެ. އަދި ބަލިތަކާއި ބެހޭ ތަފާސް ހިސާބުތައް އެއްކުރެވޭ ގައުމީ ނިޒާމުތައް އިތުރަށް ތަރައްގީ ކުރުން ހިމެނެ އެވެ.
މީގެއިތުރުން އިންފްލުއެންޒާ އާއި ބެހޭ ގައުމީ ލެބޯޓްރީގެ މުވައްޒަފުން ތަމްރީން ކުރުމާއި ގައުމީ އިންފްލުއެންޒާ އާއި ބެހޭ ލެބޯޓްރީގެ ދައުރު އިތުރަށް ފުޅާކޮށް ދެމެހެއްޓުމުގައި ކުރަން ޖެހޭ ކަންކަން ކުރުމާއި ރާއްޖޭގައި ފެތުރެމުން އަންނަ އަރިފަފުސްރޯގާތަކާ ބެހޭ މައުލޫމާތު އެއްކުރުމާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކާ ހިއްސާކުރުން ހިމެނެ އެވެ. އަދި ފެތުރެމުންދާ ރޯގާތަކުގެ ކުރީ ކޮޅު އެކަން ދެނެގަނެވޭނެ ނިޒާމްތައް ގާއިމް ކުރުމަށް ވެސް އެ ޕްރޮޕޯޝަލްގައި ކަނޑައަޅައިފައިވެ އެވެ. އަދި 24 ގަޑިއިރު ތެރޭގައި ހަރަކާތްތެރިވާނެ އަވަސް ފިޔަވަޅު ޓީމްތައް ތައްޔާރުކުރުމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
މި އެހީއަކީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކޮންމެ 12 މަހަކުން ދިނުމަށް ހަމަޖެހިފައިވާ އެހީއެކެވެ. އަދި ކޮންމެ ބަޖެޓު އަހަރަކު ވެސް އެއަހަރަކަށް ދިނުމަށް ހަމަޖައްސާފައިވާ ފައިސާ ދިނުމަށް ހަމަޖައްސާފައި ވަނީ ބަޖެޓް އަހަރުގެ މުއްދަތު ނިމުމުގެ 90 ދުވަސް ކުރިން ހުށަހަޅާ އަހަރީ ރިޕޯޓް ސީޑީސީ އިން ބެލުމަށް ފަހުގަ އެވެ. އަދި މިއަހަރުގެ ބަޖެޓް މުއްދަތު ފެށޭނީ ސެޕްޓެމްބަރު 1 ގަ އެވެ.
މީގެއިތުރުން ގާތްގަނޑަކަށް ހަތަރު ލައްކަ ޑޮލަރުގެ މާލީ އެހީތެރިކަން އެ ޕްރޮޖެކްޓްގެ ފަސް އަހަރުގެ މުއްދަތުގައި ކޮންމެ އަހަރަކު ވެސް ހޯދިދާނެ ކަމަށް ވެސް އެ އެ މިނިސްޓްރީން ބުންޏެވެ.