ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ނަން "ޑރ. ސަމަދު މެމޯރިއަލް ހޮސްޕިޓަލް"ގެ ނަމަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ލަފާއަރުވައިފި އެވެ.

ވަޒީރުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މިގޮތަށް ލަފާއެރުއްވީ ފޮރިން މިނިސްޓަރު ސަމަދުގެ ޒިކުރާ ދެމިހުންނަނިވި ގޮތެއްގައި އާކުރެއްވުމަށް ޓަކައި ކުރެއްވިދާނެ ކަންކަމާގުޅޭ ގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. އެގޮތުން ސަމަދަކީ ތިނަދު އަށް އުފަން ބޭފުޅަކަށްވެފައި އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީ އަށް ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށްވާތީ އެގޮތަށް ލަފާދެއްވި އެވެ.

ސަމަދު އަވާހާރަވުމާ ގުޅިގެން އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، އެމަނިކުފާނުގެ ޒިކުރާ އާކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ ނަންފުޅުގައި ހާއްސަ ސްކޮލަޝިޕެއް އިއުލާނު ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ. އަދި އެމަނިކުފާނު ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ހާއްސަ ޖަލްސާއެއް ބޭއްވެވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ޑރ. ސަމަދު އަވަހާރަވެފައި ވަނީ ސިންގަޕޫރުގެ މައުންޓް އެލިޒެބެތް ހޮސްޕިޓަލްގައި ކިޑުނީ އާއި ހިތުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެމަނިކުފާނުގެ ހަށިކޮޅު ފަސްދާންލެވިފައި ވަނީ ސިންގަޕޫރުގަ އެވެ.