ގައުމީ ޓީވީ އިން ގެނެސްދިން ރިޔާސީ ކެންޑިޑޭޓުންގެ "ސިޔާސަތު" ޕްރޮގްރާމްގެ ޕްރެޒެންޓާ އަދި ޓީވީއެމްގެ ޑެޕިއުޓީ އެޑިޓަރު އާއިޝަތު ލީޒާގެ ފުރާނަ އަށް ގެއްލުންދޭން ރާވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަވަހަށް ތަހުގީގްކޮށް ނިންމުމަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ މޯލްޑިވުސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕްރޮގުރާމްގައި ރިޔާސީ ކެންޑިޑޭޓުންނާއި ކުރިމަތިކޮށްފައިވާ ސުވާލުތަކަކީ އެ ޕްރޮގުރާމް ހުށައެޅި ޕްރެޒެންޓަރަށް މަރުގެ އިންޒާރު ދޭން ޖެހޭ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ނުދެކޭ ކަމަށެވެ.

"އެފަދަ އިންޒާރުތައް ދޭ ފަރާތްތަކަކީ ޑިމޮކުރަސީ އާއި މިނިވަން ނޫސްވެރިކަން ނުދަންނަ، އަދި މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް މަސައްކަތް ކުރާ ފަރާތްތަކެއް، އަދި އެފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް މިޖަމިއްޔާ އިން ގޮވާލަން،" އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޖޭއޭ އިން ބުނެފައި ވަނީ ޓީވީއެމް އިން ރިޔާސީ އިންތިހާބާ ދިމާކޮށް ގެނެސްދިން ޕްރޮގުރާމްތަކަކީ މި އަހަރު ދިވެހި ރައްޔިތުން ރައީސަކު ހިޔާރުކުރާ އިރު މުހިންމު މަސައްކަތްތަކެއް ކަމަށް އެ ޖަމިއްޔާ އިން ގަބޫލު ކުރާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ލީޒާގެ ފުރާނަ އަށް ނުރައްކާކުރަން ރާވާ ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.