އިނގިރޭސި ޕްރިމިއާލީގަށް އަލަށް ޕްރޮމޯޓްވި ކާޑިފް ސިޓީއަތުން 3-2 އިން 2012 ވަނަ އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިވެއްޖެ އެވެ.

ވޭތުވެ ދިޔަ ބައި ގަރުނުގެ ތެރޭގައި ފުރަތަމަ ޑިވިޝަން ފުޓްބޯޅައިގައި ކާޑިފް ހޯދި މި ބޮޑު ކާމިޔާބު ހޯދާފައިވަނީ ސިޓީ ލަނޑެއް ކާމިޔާބުކޮށް ކުރިހޯދާފައި ވަނިކޮށް ފަހަތުން އަރައެވެ.

ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ ޓީމަކަށް، ލަނޑެއް ކާމިޔާބު ނުކުރެވި ދިޔަ މެޗުގައި ސިޓީއަށް ކުރި ހޯދައިދިނީ މެޗުގެ 52 ވަނަ މިނިޓުގައި އެޑިން ޒެކޯއެވެ. ސިޓީން ލަނޑު ޖެހިތާ އަށް މިނިޓުގެ ތެރޭގައި ކާޑިފްއަށް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އާރޮން ގަނަސަން އެވެ.

ކާޑިފް އިން ސިޓީގެ މައްޗަށް ކުރިހޯދި ލަނޑު، މެދުގެ 79 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ، މެންސްޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ފްރެއިޒާ ކެމްބެލް އެވެ. އަދި އޭގެ އަށް މިނިޓު ފަހުން ދެވަނަ ލަނޑު ކާމިޔާބުކޮށް ކޭމްބެލް ވަނީ ކާޑިފްއަށް ނަތީޖާ ފުޅާކޮށްދީފަ އެވެ.

މެޗުގެ ފަހު ވަހުގުތުގައި އަލްވާރޯ ނެގްރެޑޯ ސިޓީއަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ 3-2 އަށް ބަދަލު ކޮށްދިން ނަމަވެސް ކާޑިފްއިން ވަނީ ފަހުހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓުގެ ތެރޭގައި ސިޓީއިން އިތުރު ލަނޑެއް ކާމިޔާބުކުރިޔަ ނުދީ އެޓީމް ހިފަހައްޓާފަ އެވެ.

ކާޑިފް ސިޓީގެ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗު ނިމުނުކަން ރެފްރީ އިއުލާނު ކުރުމާއެކު ކާޑިފްގެ ސަޕޯޓަރުން ވަނީ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައި އެކަން ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފަ އެވެ. ކާޑިފް ފުރަތަމަ ޑިވިޝަންގައި އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ 1962 ވަނަ އަހަރު ވެސްޓްހެމް އަތުން 3-0 އިންނެވެ. ހަމަ އެހެން ކާޑިފް ގެ މި މޮޅަކީ އެޓީމަށް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކޯޗު މޯކީ މެކެއިގެ ފުރަތަމަ ޑިވިޝަންގެ ފުރަތަމަ ކާމިޔާބުވެސް މެއެވެ.

ކާޑިފްއިން ކާމިޔާބު ފާހަގަކުރަމުންދާއިރު ހަތަރެއް ސުމަކުން ނިއުކާސަލްއަތުން މޮޅުވެ ހަމަޖެހިލައިގެން ހުރި ސިޓީގެ ކޯޗު މެނުއެލް ޕެލެގްރިނީއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކަށް ސިޓީގެ މި ބަލިވުން ވެގެންދާނެ އެވެ.