26 Aug 2013, 12:48
ހިތް ފަސޭހަ ކޮށްލުމަށް މާލޭގައި ހަދާފައިވާ ޕާކެއްގައި ހުއްދަ ނެތި ގަސް އިންދައި އޭގެ ވިޔަފާރި ކުރަމުން ދާކަން ސަން އަށް އެނގިއްޖެ އެވެ.
ގިނަ އަދަދަކަށް ގަސް އިންދައި އޭގެ ވިޔަފާރި ކުރަމުންދާކަން "ސަން" އަށް ކަށަވަރުވީ ހެންވޭރު އަޑު ޕާކްގެ ހުޅަނގު އުތުރު ސަރަހައްދުގައި ހުންނަ ހަޓެއްގެ ކައިރީގައި ހަދާ ފަހުރި ކުޑަ ބަގީޖާއަކުންނެވެ.
އެތަނަށް "ސަން"ގެ ނޫސްވެރިން ގޮސް ގަސް ވިއްކަންތޯ ސުވާލުކުރުމުން އެތަން ބަލަހައްޓާ މީހާ ބުނީ "އެހެން ފިހާރަތަކަށް ވުރެ މާ އަގުހެޔޮކޮށް" އެތަނުން ގަސް ވިއްކާ ކަމަށެވެ. އަދި ވަރަށް ގިނަ އަދަދަކަށް ކޮންމެ ދުވަހަކު ވެސް ގަސް ވިއްކާ ކަމަށާއި "ވިޔަފާރި ވަރަށް ރަނގަޅު" ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ދެން ކުރި އިތުރު ސުވާލަކަށް އޭނާ ޖަވާބެއް ނުދެ އެވެ.
ބަގީޗާއެއް ހެއްދުމަށް އެތަން ވަރަށް ރަނގަޅަށް ތައްޔާރުކޮށްފައިވާ އިރު ގިނަ އަދަދެއްގެ ގަސް އެތަނުގައި ހައްދައި އަދި ވިއްކަން ބަހައްޓާފައި އެބަހުއްޓެވެ. އަދި ގަސް ހެއްދުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނުތައް ވެސް ބަހައްޓާފައި އެބަހުއްޓެވެ. އެތަނުގައި ގަސް ހައްދައި ވިއްކަމުން ދާއިރު އެތަނުން ސަރުކާރަށް އެއްވެސް ކުއްޔެއް ނުދައްކަ އެވެ.
އެމައްސަލާގައި ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލި މަނިކު (އަލިބެ) ވިދާޅުވީ އެއީ ގަވައިދާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި އެކަން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ އެފަދަ ކަންތައްތައް ނުހުއްޓުވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލިބެ ވިދާޅުވީ އަޑު ޕާކް ސަރަހައްދު ތަރައްގީ ކުރުމަށް ބަޔަކަށް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށާއި އޭރުން އެފަދަ މައްސަލަތައް ހައްލުވާނެ ކަމަށެވެ. އަދި އެފަދަ ތަރައްގީގެ މައްސަލަތައް ލަސް ވަނީ ކޮންމެ ޕުރޮޖެކްޓެއް ހިންގުމަށް ކޯޓަށް ދާންޖެހޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުގައި ބުނާ ގޮތުން އެއްވެސް ފަރާތަކަށް ވިޔަފާރިއެއް ކުރެވޭނީ ޓުރޭޑް މިނިސްޓުރީގައި ރަޖިސްޓުރީކޮށްގެނެވެ. އަދި މާލޭގެ ބަންޑާރަ ބިންބިމުގައި އެއްވެސް ކަމެއްކުރާ ނަމަ ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ނަގަން ޖެހެ އެވެ.