އަންނަ މަހު ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބޮޑެތި ކަންތައްތަކެއް ނުހިގައިފި ނަމަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް އެ އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު އޮތް ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ފޯމްތައް ރަނގަޅަށް ބެލަން އިލެކްޝަންސްގައި އެދުނީ "ކަންތައް ގަނޑެއް" ހިނގައިފާނެތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ޔަގީން އިރާދަކުރެއްވިޔާ، މިއޮތް ގޮތަށް ގޮސް ވެސް، އެވަރުގެ ބޮޑު މައްސަލައެއް، ނޫން ނަމަ ކަންތައްގަނޑެއް އެދުވަހު ނުހިނގައިފި ނަމަ އަޅުގަނޑުމެންނަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެކަން،" މަހުލޫފު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ޕީޕީއެމުން ހަމަ އެކަނި ކަންބޮޑު ވަނީ އެތައް ހާސް ބަޔަކަށް ވޯޓް ނުލެވިދާނެތީ ކަމަށެވެ. ކުދި ކުދި މައްސަލަތަކެއް ދިމާވެ، 50 އަކަށް މީހުންނަށް ވޯޓް ނުލެވި ދިއުމަކީ ވެދާނެ ގޮތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މައްސަލައެއް ދިމާވެގެން ވޯޓް ނުލެވޭ މީހުންގެ އަދަދު އެއަށް ވުރެ އިތުރު ނުވާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ އެކަނި އަޅުގަނޑުމެން މި ކަންބޮޑުވަނީ ހަގީގަތުގައި ވެސް، ވޯޓްލާން ދާއިރު އެތައް ބައިވަރު ބަޔަކަށް، އެތައް ހާސް ބަޔަކަށް އެދުވަހު ވޯޓް ނުލެވިދާނެތީ. އެކަމަކު އަޅުގަނޑުމެން އެންމެ ފަހުން އިލެކްޝަން ކޮމިޝަނަށް ގޮސް، މިޝަކުވާ ހުށައެޅި ދުވަހު ނައިބު ރައީސް ފަޔާޒް ވެސް ވިދާޅުވެފައި އެބަ އޮތް ވޯޓްލާ ދުވަހު 50 މީހުންނަށް ވުރެ ގިނައިން، ވޯޓްލާ ފޮށި ނޫން، ނުވަތަ ވޯޓްލާ ރަށް ނޫން އެހެން ރަށަކަށް ބަދަލުވެފައި އޮވެގެން ވޯޓް ނުލެވި ނުދާނެ ކަމަށް. ޔަގީން ކުރާނަމޭ ތިމަންނަމެން، އެއީ 50 އެއް ހާ މީހުން ކަމަށް، އެއަށް ވުރެ އިތުރެއް ނުވާނެ ކަމަށް، އެހެން ކަމަށް ވެއްޖެއްޔާ ދެން އަޅުގަނޑުމެން ވެސް ގަބޫލުކުރަން ކޮންމެ ވެސް ކަހަލަ މައްސަލައެއް ދިމާވެގެން މަދު މީހުން ކޮޅަކަށް އެފުރުސަތު ގެއްލިދާނެ ކަމަށް،" މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ޕީޕީއެމުން ޝަކުވާތައް ކުރަނީ އިންތިހާބަށް ފަހު، ނަތީޖާއާ ދޭތެރޭ ހިތްހަމަނުޖެހިގެން ބަޔަކު ނުކުމެ، ތަންތަނުގައި ހުޅުޖަހައި، މާރާމާރީ ހިންގާ ހިސާބަށް ދާން ފުރުސަތު ނުދޭން ވެގެން ކަމަށެވެ.

"މިގައުމަށް ހަމަޖެހުމެއް އެބަ ބޭނުންވޭ، އަނެއްކާ ވެސް އިންތިހާބު ނިންމާފައި ޖެހިގެން އަންނަ ދުވަހު މިގައުމުގައި ހިތްހަމަ ނުޖެހިގެން ބަޔަކު ނުކުމެ ރޯކޮށް، މާރާމާރީ ހިންގާ ހިސާބަށް ގޮސްފިއްޔާ ދުވަހަކު މިގައުމަށް ހަމަޖެހުމެއް ނެތެއް ނޫންތޯ؟ މިކަންކަމަށް ފުރުސަތު ނުދިނުމަށް، [ކުރިން މައްސަލަ ޖައްސަނީ]،" މަހުލޫފު ވިދާޅުވި އެވެ.

ޕީޕީއެމުން ކޮންމެ ހަފުތާއަކު ކުރިއަށް ގެންދާ ހިޔާލު ހޯދުމުގެ ސާވޭތަކުގެ ތެރެއިން އެންމެ ފަހުން ކުރި ސާވޭއިން ދައްކާ ގޮތުން ވާދަވެރި އެމްޑީޕީގެ ތާއީދު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް ދެއްކި ކަމަށް ވެސް މަހުލޫފު މިއަދު ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީ އަށް އޮތް ތާއީދު 29 ޕަސެންޓަށް ވެއްޓިފައިވާ ކަމަށް ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.

".. އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުން އެމްޑީޕީ މިވަނީ މިހާރު ވަރަށް ބޮޑުތަން ވެއްޓިފައި އިނގޭތޯ، މީގެ ކުރިން އެމީހުން ކުރި ހޯދަމުން ދިޔަ މަންޒަރު އޮތީ އަޅުގަނޑުމެންނަށް ފެނިފައި، ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައި ހުރި ވާހަކަ އެދުވަހު ބައްދަލުކުރި އިރު ވެސް އަޅުގަނޑު ދަންނަވާލިން. މިހާރު އަޅުގަނޑުމެންނަށް މިފެންނަނީ ގާތްގަނޑަކަށް 29 ޕަސެންޓަށް އެމްޑީޕީ ވެއްޓިފައިވާތަން،" މަހުލޫފު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ޕީޕީއެމް އަށް އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ޕޯލްތަކުން ދައްކާ ކަމަށެވެ. އެގޮތުން އެޕާޓީ އަށް 46 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ދެއްކި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ތާއީދު ލިބޭނެ ގޮތް އަންދާޒާ ކުރުމަށް ހުރިހާ ޕާޓީތަކުން ވެސް އަންނަނީ ހިޔާލުހޯދުމުގެ ސާވޭތައް ކުރަމުންނެވެ. އަދި އެއިން ކޮންމެ ސާވޭއަކަށް ފަހު ކޮންމެ ޕާޓީއަކުން ވެސް ބުނަނީ އެޕާޓީ އަކަށް ތާއީދު ބޮޑު ކަމަށެވެ.