ޓީވީ މޯލްޑިވްސް އިން ގެނެސްދިން ރިޔާސީ ކެންޑިޑޭޓުންގެ "ސިޔާސަތު" ޕްރޮގްރާމް ގެނެސްދިން އެތަނުގެ ޑެޕިއުޓީ އެޑިޓަރު އާއިޝަތު ލީޒާގެ ފުރާނަ އަށް ގެއްލުންދޭން ރާވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ސަން އަށް މައުލޫމަތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ލީޒާގެ ފުރާނަ އަށް ނުރައްކާކުރަން ރާވާ ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ލީޒާގެ ފުރާނައަށް ނުރައްކާކުރަން ރާވާ ކަމަށް ބުނެ އެމްބީސީން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ހުށަހަޅާފައި. އެހެންކަމުން ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސިޔާސަތު ޕްރޮގްރާމްގައި ބައެއް ކެންޑިޑޭޓުންނާ ކުރި ސުވާލުތަކުގެ ސަބަބުން ހިތްހަމަނުޖެހިގެން އެ ކެންޑިޑޭޓުންގެ ބައެއް ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި ލީޒާ އަށާއި ޓީވީއެމްއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.