ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ފޮޓޯ އާއި ވީޑިއޯ އާންމުކުރި ކަމުގެ ތުހުމަތުގައި ޅ. ކުރެންދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގައި އެ މަންޒަރު ވީޑިއޯކޮށް ފޮޓޯ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކުރެންދޫންނެވެ.

ނައިފަރުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުން ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން ހައްޔަރުކުރި 19 އަހަރުގެ މީހާގެ ބަންދަށް ނައިފަރު މެޖިސްޓްރޭޓް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިދީފަ އެވެ.

ކުޑަ ކުއްޖަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގާ ފޮޓޯއާއި ވީޑިއޯ އާންމުކުރި ކަމުގެ ތުހުމަތުގައި ކުރެންދޫން މީހަކު ހައްޔަރުކުރިއިރު، މި މަހުގެ ދެ ވަނަ ދުވަހު ވަނީ އެ އަތޮޅު ނަފަރުގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފަ އެވެ.