އިނގިރޭސިވިލާތުގައި ޝޯތަކެއް ދިނުމަށް ރާއްޖޭގެ މަޝްހޫރު ބޭންޑް، "ސެކްރެޑް ލެގެސީ" މިއަދު އިނގިރޭސިވިލާތަށް ފުރައިފި އެވެ.

ރޭ މިއުޒިކް ވޯލްޑްގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުން އެ ބޭންޑްގެ އޮފިޝަލަކު ވިދާޅުވީ ސެކްރެޑް ލެގެސީ ބޭންޑް އިނގިރޭސިވިލާތަށް ފުރީ "މާސްލެސް ޓެރޭ" އިން އެ ބޭންޑަށް ދިން ހާއްސަ ޓުއާއެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބޭންޑުން އިނގިރޭސިވިލާތުގެ ހަތަރު ސިޓީ އެއްގައި މިފަހަރު ޝޯ ދަވޭނެ ކަމަށެވެ. ފުރަތަމަ ޝޯ ދޭނީ އިނގިރޭސި ވިލާތުގެ ބާމިންގްހަމްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުން ލިވަޕޫލް، ބްރައިޓަން، ބްރިސްޓަންގައި ޝޯ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެކްރެޑް ލެގެސީ އިން ވަނީ މި އަހަރު ރާއްޖޭގައި ބޮޑު ތިން ޝޯއެއްދީފަ އެވެ. އަދި އަވައްޓެރި ސްރީލަންކާގައި ވެސް އެ ބޭންޑުން ވަނީ ޓުއާ ޝޯތަކެއްދީފަ އެވެ.

ސެކްރެޑް ލެގެސީ ރަޖިސްޓްރީކޮށްފައި ވަނީ "ޖާމަން އެސްޓީ އެފް ރިކޯޑްސް"ގަ އެވެ.