26 Aug 2013, 10:12
ނިއުދިއްލީ (އޮގަސްޓް 26): މިދޔަ ހަފްތާގައި އިންޑިޔާގެ މުންބާއި ގައި އަންހެން ނޫސްވެރިއަކު ރޭޕްކުރި މައްސަލަ އާ ގުޅުން ހުރި ކަމަށް ޝައްކުކުރެވޭ އިތުރު ފަސް މީހަކު އިންޑިޔާ ފުލުހުން ހައްޔަރުކޮށްފި އެވެ.
އިންޑިޔާ ފުލުހުން ބުނީ 23 އަހަރުގެ އަންހެން ނޫސްވެރިޔާ ރޭޕްކުރި ފަސް މީހުންގެ ޖަމާއަތަކުން ކަމަށާއި އެ މައްސަލައާ ގުޅުން ހުރިކަމަށް ޝައްކުކުރެވޭ އިތުރު ތިން މީހަކު މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދިއްލީގައި ހައްޔަރުކޮށްފައިވުމުން މިހާތަނަށް އެ މައްސަލާގައި 16 މީހުން ހައްޔަރުކޮށްފައިވާ ކަމުގަ އެވެ. މުންބާއީގައި މިދިޔަ ހަފްތާގައި ރޭޕްކޮށްލި އަންހެން ނޫސްވެރިޔާއަކީ މުންބާއިގެ މަޖައްލާއެއްގައި މަސައްކަތްކުރާ ނޫސްވެރިއެކެވެ.
ނޫސްވެރިކަމުގެ ޚާއްސަ މަސައްކަތްތަކެއްގައި ފޮޓޯނެގުމުގައި އޭނާ ޙަރަކާތްތެރިވަމުން ދަނިކޮށް ފަސް މީހުންގެ ޖަމާއަތަކުން އޭނާ ރޭޕްކޮށް ޢިއްފަތް ފޭރިގެންފައި ވަނީ މުންބާއިގެ ކުރީގެ ސިނާއީ ސަރަހައްދެއް ކަމަށްވާ ޕެރިލް ސަރަހައްދުން ކަމަށްވެ އެވެ. އެ އަންހެން މީހާ މިހާރު ވަނީ ފަރުވާދިނުމަށް ޓަކައި މުންބާއިގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފަ އެވެ. މުންބާއިގެ ލޯކަލް ސަރުކާރުގެ މަސްއޫލުވެރިއަކު ވަނީ އެ ޖަރީމާ ހިންގި ފަސް މީހުން ވަރަށް އަވަހަށް ޢަދާލަތަށް ޙާޒިރުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިޔާއަކީ އަންހެނުން ރޭޕްކުރުމުގެ ޖަރީމާތައް ވަރަށް ޢާންމު ގައުމެކެވެ. އިންޑިޔާގައި ހިނގަމުންދާ ރޭޕްކުރުމުގެ ޖަރީމާތައް އާންމުންގެ ސަމާލުކަމަށް އެންމެ ބޮޑަށް އައިސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ނިއުދިއްލީގެ ބަހެއްގައި 21 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލި ޙާދިސާއާ ގުޅިގެންނެވެ. މިޙާދިސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން ޑިސެމްބަރު މަހުގެ 28ގައި އެއަންހެންކުއްޖާ ވަނީ މަރުވެފަ އެވެ. (ރޮއިޓާސް)