ޢަންމާން (އޮގަސްޓް 26) : ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ކައިރީގައިވާ ރަށްފުށުގެ ބައެއް ހިސާބުތަކަށް ރައީސް ބައްޝާރުލްއަސަދަށް ވަފާތެރި ސިފައިން ދިން ކަމަށްބެލެވޭ ކެމިކަލް ހަތިޔާރުގެ ޙަމަލާއާ ގުޅިގެން ސޫރިޔާއާ މެދު އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާއާއި ޔޫރަޕާ އަދި ބައެއް ޢަރަބި ގައުމުތަކުގެ ޢަސްކަރީ އިސްވެރިންގެ ކުއްލި ބައްދަލުވުމެއް އުރުދުންގެ ވެރިރަށް އަންމާންގައި ރޭ ބާއްވައިފި އެވެ.

އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކާ އަދި އެމެރިކާއަށް ތާއީދުކުރާ ބައެއް ޢަރަބި ގައުމުތަކުގެ ސިފައިންގެ ޗީފް އޮފް ސްޓާފް އިންނާއި ޢަސްކަރީ އިސް ކޮމާންޑަރުން ބައިވެރިވެ ވަޑައިގެންނެވި މިބައްދަލުވުމުގެ ބޭނުމަކީ ކެމިކަލް ޙަމަލާއާގުޅިގެން ސޫރިޔާ އަށް ޙަމަލާތަކެއް ދިނުމަށް އެމެރިކާ ރާވައިފައިވާ ރޭވުންތަކަށް ތާއީދުކޮށް އެކަމަށް ރުހުމުގެ ސިގްނަލް ދިނުން ކަމަށް މުރާސިލުން ބުނެ އެވެ. މިބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން އުރުދުން އާއި ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް ހިމެނެ އެވެ.
މިބައްދަލުވުން ބާއްވާފައި މިވަނީ ދިމިޝްޤުގެ ކައިރީގައިވާ ޣޫތާ ސަރަޙައްދަށް ކެމިކަލް ހަތިޔާރުން ޙަމަލާދީ 1300 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ މައްސަލަ ތަޙްޤީޤް ކުރުމުގެ މަސައްކަތް އދ.ގެ ޓީމަކުން މިއަދު ހެނދުނު ފެށުމަށް ހަމަޖެހިފައި ވަނިކޮށެވެ. ސޫރިޔާ ސަރުކާރާއި އދ. އިން އިއްޔެ ވަނީ މިޖަރީމާ ތަޙްޤީޤް ކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ސޫރިޔާ އަށް ޢަސްކަރީ ޙަމަލާތަކެއް ދިނުމާބެހޭ ގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އިއްޔެ މަޝްވަރާ ކުރެއްވުމަށް ފަހު މިދެބޭފުޅުން ވަނީ ސޫރިޔާ އަށް އަވަސް ރައްދެއް ދޭން ޖެހޭ ކަމަށް ވިދާޅުވެ ހަނގުރާމައިގެ ރާގަކުން ވާހަކަ ދައްކަވާފައިވާފަ އެވެ. އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހޭގްލް ވަނީ ސޫރިޔާ އަށް ޢަސްކަރީ ޙަމަލާތަކެއް ދޭންޖެހިއްޖެ ޙާލަތެއްގައި އެކަން ކުރާނެގޮތުގެ ޕްލޭންތަކެއް އެމެރިކާ ސިފައިން ތައްޔާރުކޮށް ނިމިފައިވާކަން ބަޔާން ކުރައްވައި މެޑިޓަރޭނިޔަން ކަނޑުން ސޫރިޔާގެ އައްސޭރިފަށާ ކައިރި ހިސާބުތަކުގައި އެމެރިކާގެ ޢަސްކަރީ ގުރާބުތައް ޙަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ސޫރިޔާ އިން ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރުން ޙަމަލާދޭތީ އެމީހުންގެ ދިފާޢުގައި ސޫރިޔާ ސަރުކާރަށް ޢަސްކަރީ ގޮތުން ރައްދުދޭން ޖެހޭ ކަމަށްބުނެ އަޑުފަތުރަމުންގެންދާ އެމެރިކާ އާއި އިނގިރޭސިވިލާތަކީ ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ 2004 ވަނަ އަހަރު ޢިރާޤަށް އަރައިގަނެ އެގައުމުގެ އެތަށް ލައްކަބައެއް މަރާލައި ޢިރާޤު ތަޅައި ސުންނާފަތިކޮށް އެގައުމު ޓެރަރިޒަމްގެ ހާއްޔަކަށް ހެދުމުގައި އިސްކޮށް ޙަރަކާތްތެރިވި ދެގައުމެވެ.

އަދި އެމެރިކާ ވަނީ ޢިރާޤުގައި ބައިނަލްއަޤްވާމީ ގޮތުން މަނާ ވިހަ ހަތިޔާރުތަކާއި ޑިޕްލޭޓެޑް ޔޫރޭނިޔަމް ބޭނުންކޮށްގެން ޢިރާޤު ރައްޔިތުންނާ ދެކޮޅަށް ފަނާކުރަނިވި އެތައް ޙަމަލާތަކެއްދީ ޢިރާޤުގެ އަންހެނުންނާއި ކުޑަކުދިންނާ ބޮޑެތި މީހުން ޑަޒަން ޑަޒަނަށް މަރައި އިރާޤުގެ އަބޫޣުރައިބު ޖަލާއި އެނޫން ވެސް ޖަލުތަކުގައި އަސީރުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އެތައް ޢަމަލުތަކެއް ހިންގާފަ އެވެ. ޑިޕްލޭޓެޑް ޔޫރޭނިޔަމް ބޭނުންކޮށްގެން އެމެރިކާ ސިފައިން ޙަމަލާތައްދިން ޢިރާޤުގެ ސަރަހައްދުތަކުގެ ރައްޔިތުންނަށް އާދަޔާ ޚިލާފަށް ކެންސަރުޖެހި އަލަށް އުފަންވާ ކުދިން ނުކުޅެދޭ ޙާލަތުގައި އުފަންވުން ވަނީ އެތައް ގުނައަކަށް އިތުރުވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ހަރުކަށި ޚިޔާލުގެ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކާއި ހަނގުރާމައާއި ތަޅާފޮޅުމުގެ ހަރުކަށި ސިޔާސަތު ތަކެއް ގެންގުޅޭ އިދިކޮޅު ރިޕަބްލިކަން ޕާޓީން ގެންދަނީ އެމެރިކާ، ސޫރިޔާގެ ރައްޔިތުންގެ ދިފާޢުގައި ތެދުވާކަން ދެއްކުމަށްޓަކައި ސޫރިޔާ އަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ރައީސް ބަރަކް އޮބާމާއަށް ބާރުއަޅައި ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެހެންކަމުން މެޑިޓަރޭނިޔަން ކަނޑުގައި ސޫރިޔާއާ ގާތުގައި މިހާރު ޙަރަކާތްތެރިވާ އެމެރިކާގެ ޢަސްކަރީ ގުރާބުތަކުން ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ސޫރިޔާއަށް ކްރޫޒް މިސައިލާއި ޢަސްކަރީ މަތިންދާބޯޓުތަކުން ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ރައީސް ބަރަކް އޮބާމާ އެމެރިކާ ސިފައިންނަށް އަމުރު ކުރެއްވުމަކީ ގާތް ކަމެއް ކަމަށް މުރާސިލުން ބުނެ އެވެ.

ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމް ދިފާޢުކުރާ ރަޝިޔާއިންވަނީ ސޫރިޔާ އަށް ޙަމަލާ ނުދިނުމަށް އެމެރިކާއަށް އިންޒާރުކޮށްފަ އެވެ. ސޫރިޔާގައި ދީފައިވާ ކެމިކަލް ޙަމަލާތަކުގެ މައްސަލަ ތަޙްޤީޤްތައްކޮށް އެކަމުގެ ފަހަތުގައިވާ ފަރާތެއް ބެލުމުގެ ފުރްސަތު ނުދީ އަދި އދ. ގެ ހުއްދައަކާ ނުލައި އެކަހެރި ގޮތެއްގައި އެމެރިކާ ސޫރިޔާއަށް އިސްވެ ޙަމަލާދިނުން ވެގެންދާނީ ޣައިރު ޤާނޫނީ ކަމެއްގެ އިތުރުން ސޫރިޔާގެ އިތުރު ބައެއްގެ ލޭއޮހޮރިގެންދާނެ ކަމެއް ކަމަށް ވެސް ރަޝިޔާ އިން ވަނީ ބުނެފަ އެވެ.

އެމެރިކާ ދޭ މިސައިލް ޙަމަލާތަކާއި ވައިގެ ގިނަ ޙަމަލާތަކަކީ އޭގެ ހަޤީޤީ އަމާޒަށް ވާސިލްވުމުގެ ބަދަލުގައި މަދަނީ ކޮންމެވެސް ތަނަކަށް ނޫނީ ކޮންމެވެސް ބައެއްގެ ގެދޮރަށް އަމާޒުވާ ޙަމަލާތަކެއްކަން ޢިރާޤާއި ލީބިޔާއާއި އަފްޣާނިސްތާނަށާއި ޕާކިސްތާނަށް އެމެރިކާ ދީފައިވާ ވައިގެ ޙަމަލާތަކުން ވަނީ ސާބިތުވެފަ އެވެ. (ނޫސްއެޖެންސީތައް)